ރައީސް ނަޝީދުގެ އޮފީހުން ނެރޭ ނޫސް ބަޔާން: މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް އިތުރަށް ފުޅާވުން

noosbayan

ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި ބޭފުޅުންނާ، އެބޭފުޅުން ވެރިކަން ކުރެއްވި ގޮތުން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާ ތަކެއްޗަށް ހުޅުވާފައިވާ ދޮރުތަކެވެ. އޭގެ ސަބަބުން ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލާމެދު ރައްޔިތުން ކަންބޮޑުވެ، މައިން ބަފައިނަށް އެމީހުންގެ ހުރިހާ އުންމީދެއް ގުޅިފައިވާ ލޯބިވާދަރިންގެ މުޅި މުސްތަގުބަލު ހުރަގޭގެ އަނދިރި ކަމުގެ ތެރެއަށް ގެއްލިދާތަން ދެކެން ތިބުންނޫން ގޮތެއް އޮތީ ނެތިފައެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ވައްދެއްގެ ގޮތުގައި ރައްޔިތުން ބޭނުންވީ 2008 ން 2013 އަށް އެމް.ޑީ.ޕީ ގެ ވެރިކަމުގައި އޭގެ ކުރިން ރާއްޖޭގައި މަސްތުވާ ތަކެއްޗަށް ހުޅުވާފައިވާ ދޮރުތައް ބަންދުކުރުމަށެވެ. މިކަމަށްޓަކާ އެމް.ޑީ.ޕީ ވެރިކަމަށް އައީ ވަރަށް ހަރުދަނާ ދުރު މުސްތަގްބަލަށް ރޭވިފައިވާ ސިޔާސަތު ތަކެއް ރާއްޖޭގައި ތަންފީޛު ކުރުމަށެވެ. ހަރުދަނާ ބިންގަލެއްގެ މަތިން ތަންފީޛު ކުރަންފެށޭ އިލްމީ އަދި ފަންނީ ހަގީގަތް ތަކުގެ މައްޗަށް އެކަށް އެޅިފައިވާ ސިޔާސަތު ތަކެއް ރާއްޖޭގައި ހިންގާން ފެށުމަށެވެ. މަސްތުވާތަކެއްޗަށް އާދަވެ ދެވިހިފުމަކީ ދިވެހިޒުވާނުންގެ ކުށަކަށްވުރެ ބޮޑަށް އެމް.ޑީ.ޕީ ދުށީ އެއީ އެކުދިންނަށް ކުރިމަތި ކުރުވާފައިވާނިކަމެތި ހާލެއްކަމާއި، އެކުދިންނާއި މުޅި ރާއްޖެ ވައްޓާލާފައިވާ އަނދަވަޅެއްކަމުގައެވެ. އެހެން ކަމުން މައިން ބަފައިންގެ ދަރިންނައްވީ ފަދައިން އެޒުވާނުން ނަކީ ގައުމުގެވެސް ދަރިން ކަމުގައި ދެކި އޯގާތެރި ވެރިކަމެއްކޮށް، އެ ޒުވާނުން އެވަބާއިން ސަލާމަތް ކުރެވޭނެ މަގުތައް އާރާސްތު ކުރުމަކީ އެމް.ޑީ.ޕީ ހާސިލު ކުރަން ބޭނުންވި ލަނޑު ދަނޑިއެވެ. ހަމައެއާ އެކު މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުން އެއީ އެމް.ޑީ.ޕީގެ އެންމެ އަސާސީ އަމާޒު ކަމުގައި ހެދިއެވެ.

ހުނަރު ޕްރޮގްރާމް ތައާރަފް ކޮށް އެފަދަ ޒުވާނުންނަށް މަސައްކަތާއި ދިރިއުޅުމުގެ ފަންނުތައް ދަސްކޮށްދީ ހަޔާތުގެ ފޮނިކަން އެޒުވާނުންނަށް ދައްކައިދިނުމަށް އެމް.ޑީ.ޕީ ސަރުކާރުން މަސައްކަތް ފެށިއެވެ. އަދި ރީހެބިލިޓޭޝަން ޕްރޮގްރާމް ތަކާ ޑިޓޮކްސިފިކޭޝަން ސެންޓަރ ތައް ރާއްޖެއަށް ތަޢާރަފް ކޮށް އެ ޒުވާނުން އަލުން އަނބުރާ މުޖުތަމައަށް ގެނައުމުގެ ކާމިޔާބު ތަޖްރިބާ ތަކެއް އެމް.ޑީ.ޕީގެ ވެރިކަމުގައި ފެނާން ފެށިއެވެ. ގައުމީ ސަލާމަތައްވެސް ނުރައްވާ ވެދާފަދަ މިވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް އެމް.ޑީ.ޕީ ސަރުކާރުން ފެށިމަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހަކީ މަސްތުވާ ތަކި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެވިޔަފާރި ކުރާ ފަރާތް ތަކަށް ދައުލަތުގެ ނަމުގައި އެހީތެރި ކަމާ އެއްބާރު ލުމާ އެކަން ކުރުމުގެ މިނިވަންކަން ހޯދައިދޭނެ ބަޔަކު ތިބި ކަމެވެ.

ފެބްރުއަރީގައި ގެނައި ބަޣާވާތައްފަހު ހުނަރު ޕްރޮގްރާމް ހީނަރުވެ، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ޑިޓޮކްސިފިކޭޝަން ސެންޓަރ ތައް ހަރުދަނާ ގޮތުގައި ހިންގުން ހުއްޓުވިއެވެ. އަދި ހަމަ އެއާ އެކު މަސްތުވާ ތަކެއްޗަށް ކުރިން ހުޅުވި ދޮރުތައް އިތުރަށް ފުޅާވެ ބާރުގަދަ ނުރައްކާތެރި ޑްރަގްތައް އެތެރެ ކުރުމުގެ މަގުފަހިކޮށްދީ އޭގެ ނުރައްކާ ތަކާ އަނެއްކާވެސް ގައުމު މިވަނީ ކުރިމަތި ކުރުވާފައެވެ. ކުރިއެކޭ އެއްގޮތައް ދެވިހިފާފައިވާ ޒުވާނުންނަށް އަނިޔާކޮށް އަދަބުދީ ހައްޔަރު ކުރުންވަނީ ހައްދު ފަހަނަ އަޅާހިސާބުގައެވެ. ރާއްޖޭގެ ރައްޔިތުން އުފެއްދި އެމީހުންގެ އަމިއްލަ ވެރިކަމާ އެމީހުން ރާއްޖޭގައި ހިންގާން ބޭނުންވި ސިޔާސަތުތައް މުގުރާލީ ބަޣާވަތަކުން ރާއްޖޭގެ ވެރިކަމަށް އަރާތިބި ފަރާތް ތަކުންނެވެ.

މިހާލަތުން ރާއްޖެ ސަލާމަތް ކުރުމަޓަކާ ކޮންމެ ރައްޔިތަކުވެސް އެމީހަކަށްވީ މިންވަރަކުން ބަޣާވަތުގެ ވެރިކަން ނިންމުމަށް މިވަނީ ތެދުވާން ޖެހިފައެވެ. މިކަމުގައި ރާއްޖޭގެ ރައްޔިތުންގެ އަޑު އެހުމަކީ ރާއްޖޭގެ ސިފައިންނާ ފުލުހުން އަދާ ކުރަން ޖެހިފައިވާ ގައުމީ ވާޖިބެކެވެ. މަދު މީސްކޮޅެއްގެ އަމިއްލަ އެދުމަށްޓަކާ މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް އިތުރަށް ފުޅާވެ، ގައުމާ ރައްޔިތުން ދުވަހެއް ދުވަހަކަށް ބިކަވެ، އިނދަޖެހޭތަން ބަލަން ނުތިބެވޭ ހިސާބަށް ބަޣާވަތުގެ ހާލަތު މިދަނީ ނުރައްކާ ވަމުންނެވެ.