މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން އެމްޑީޕީގެ 4 މެމްބަރަކު އެދިވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ބަލާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވަނީ، ޤާނޫންތަކާއި ޚިލާފަށް ކަމަށް ޤަބޫލުކުރެވޭތީ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެންނެވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރަކު ޢަމީންޢާންމު އަހްމަދު މުޙައްމަދަށް ސިޓީއެއް ފޮނުވައިފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕަށް ނިސްބަތްވާ 4 މެމްބަރަކު ސޮއިކުރައްވާ ފޮނުވި މި ސިޓީގައި ވަނީ، ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނާއި، ކޯޓުތަކާއިބެހޭ ޤާނޫނާ، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ޤާނޫނާއި، ކަނޑައެޅިގެން ހިލާފަށްކަމަށެވެ.

މިކަމަށް އެދި ވަޑައިގެން ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވާ 4 މެމްބަރަކީ، އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ، ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު، ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަމްޒާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޤަފޫރުއެވެ.