އުސްފަސްގަނޑުން ހައްޔުރުކުރި މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލުމަށް ހުކުމްކޮށްފި

shaunaisback722013 (9)

އެމްޑީޕީން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި “ބަޣާވާތް މަ ކުށްވެރިކުރަން” ސުލްޙަވެރި ހިނގާލުން ނިންމާލުމަށް ފަހު އުސްފަސްގަނޑު ސަރަހައްދުގައި ތިއްބާ ހައްޔަރުކުރި 14 މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ފުލުހުން ހުށަހަޅާފައިވާ ކަންތަކަށް ރިޢާޔަތްކޮށް ބަންދުގެ މުއްދަތް އިތުރުކުރުމަށް ފުރުސަތު ދެވެން ނެތްކަމުން ދޫކޮށްލުމަށް ހުކުމް ކުރާކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ، އަޙުމަދު ސުޖާއު ކިޔާ މިޕާޓީގެ މެމްބަރެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެދުވަހު ފުލުހުންގެ މީހަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައެވެ.

ފަލާހާއި ޝައުނާ ވެސް ހިމެނޭގޮތަށް ސަޕޯޓަރުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގަނީސްއެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގެއްކަން ފާހަގަކޮށް، އެ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ޕާޓީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

“ބަޣާވާތް މަ ކުށްވެރިކުރަން” ނަމުގައި އެމްޑީޕީން ކޮންމެ ހުކުރު ދުވަހަކު ބާއްވާ މި ހިނގާލުން މާދަން ވެސް ކުރިއަށްދާނެއެވެ.