ރައީސް ނަޝީދުގެ މައްސަލަ އަނބުރާ ނެގުމަށް ޕީޖީއަށް ސިޓީ ހުށަހަޅައިފި

BCe4sSXCAAA3WE4

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރި އެއްމެހާ ހުރަސްތައް ނައްތާލުމަށް އެދި ޕާޓީގެ ދާއިރާގެ ރައީސުން ޕްރޮސެކިއުޓަރ ޖެނަރަލް އަހްމަދު މުޢިއްޒުއަށް ސިޓީ ހުށަހަޅައިފިއެވެ.

މި ސިޓީ ހުށަހެޅުމަށް އެމްޑީޕީގެ ދާއިރާގެ ރައީސުން ޕީޖީ އޮފީހުގައި ތިއްބަވަނިކޮށް، ފުލުހުންގެ ބަޔަކު ޕީޖީ އޮފީހަށް އައިއްސަ ހަރާކާތްތެރިވެފައި ވެއެވެ.

ސިޓީ ހުށަހެޅުމަށް ފަހު މީޑިޔާއާ ވާހަކަދައްކަވަމުން މާލޭ ދާއިރާގެ ރައީސް މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ދާއިރާތަކުގެ ރައީސުން އެތަނަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ މައްސަލަ އަނބުރާ ނެންގެވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ސިޓީއެއް ހުށަހެޅުމަށް ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާއި ބައްދަލުކުރެވޭނޭ ގޮތެއް ހަމަޖެހިގެން ނުދިޔަކަމަށެވެ.

“އަޅުގަނޑުމެން އެދުނިން ޕީޖީއާ ބައްދަލުކުރެވޭނޭ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް. އެހެން ނަމަވެސް އެކަމެއް ނުވި. ދެން އަޅުގަނޑުމެން އެދުނީ އިސް ބޭފުޅަކާ ބައްދަލުކޮށް ދެއްވުމަށް. އެކަން ވެސް ހަމަނުޖެހުމުން ރިސެޕްޝަނާއި ހަވާލުކުރީ” ބިގޭ ވިދާޅުވިއެވެ.

ޕީޖީއަށް ހުށަހެޅި މި ސިޓީގައި ވަނީ، މިޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދަކީ މި ގައުމުގެ އެތައްހާސް ރައްޔިތުންނެއްގެ ވިންދާއި އުއްމީދުތަކާއި ގުޅިފައިވާބޭފުޅެއް ކަމަށާއި ހާއްސަކޮށް ރާއްޖޭގައި މިވަގުތުއޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާބޭފުޅެއް ކަމަށެވެ.

އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނޭގޮތްވުމަކީ ގައުމުގެ ކުރިމަގަށް ހުރަސްއެޅި ގައުމުގެ މަސަލަސްކަން ގެއްލިގެންދާނެ ކަމެއްކަމުގައި ދެކޭކަމަށެވެ. އަދި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތް ކުރިޔަށްއޮތް އިންތިހާބުގައި ވާދަނުކުރެވުމަކީ ގައުމުގެ އެތައްބަޔެއްގެ ހައްގުތައްގެއްލިގެންދާނޭ ކަމެއްކަމުގައިވެސް ދެކޭ ކަމަށް ވެސް ސިޓީގައި ވެއެވެ.

ސިޓީ ނިންމާލާފައި ވަނީ، ގައުމުގެ ކުރިއެރުމާއި މަސަލަސްކަމާއި އެތައްބަޔެއްގެ ހައްގަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވަމުން ގެންދަވާ ދައުވާތައް އަނބުރާނަންގަވާ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްހުރި އެއްމެހާ ހުރަސްތައް ނައްތާލަދެއްވުމަށް އެދިވަޑައިގެންނެވެ.