ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެނިފެސްޓޯ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ބަލައިގެންފައިވާ ކަމަށާއި، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯ ހިންގާނޭ ރައީސަކު ހޯދުމަށް ބާއްވާ އިންތިޚާބެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީން އެކުލަވާލި މެނިފެންސްޓޯއަކީ މި ރާއްޖޭގެ ތަރައްޤީގެ އޮނިގަނޑު ކަމަށާއި، ރާއްޖެ ފަދަ 350،000 މީހުން ދިރުއުޅޭ ޖަޒީރާ ޤައުމެއް ތަރައްޤީ ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތްތަކަކީ އެމްޑީޕީގެ މެނިފެސްޓޯކަން ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ބަލައިގެންފައިވާކަމަށެވެ.
“ޕީޕީއެމްއިން ބުނަނީ ތިމަންނަމެން ފްލެޓްތަކުގެ ރެންޓް ދައްކާ ދޭނަމޭ. ވާހަކައަކީ ހައުންސިންގ ޕްރޮގްރާމް، އެ މެނިފެސްޓޯއަކީ އޭ ރަނގަޅު މެނިފެސްޓޯއަކީ. އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަމަކީ އެމްޑީޕީގެ މެނިފެސްޓޯއޭ ރާއްޖޭގެ ތަރައްޤީގެ އޮނިގަނޑަކީ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބަޣާވާތަކަށް ފަހު ވެސް ކުރައްވަނީ އެމްޑީޕީން ކުރަމުން ގެންދިޔަ މަސައްކަތްތައް ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ މެނިފެސްޓޯއަކީ ރަނގަޅު މެނިފެސްޓޯއެއްކަން ހާމަވެގެން ހިނގައްޖެކަމަށެވެ.
“އެބޭފުޅުން އެބަ ބައްލަވާ ދަތުރު ފަތުރުގެ ނިޒާމް ވެސް އިތުރަށް ފުރިހަމަ ކުރެވޭތޯ. ބްރިޖް އެޅުމުގެ ކަންތައް ވެސް ރަނގަޅު ކުރެވޭތޯ ބައްލަވަނީ. ހުޅުމާލެއާއި ގުޅީފަޅު ހިއްކުން ވެސް އިތުރަށް ބޮޑުކޮށް ފުޅާކުރެވޭތޯ ބައްލަވަނީ. އެއްދަންފަޅި އަށް ތަޢުލީމީ ނިޒާމް ބަދަލުކުރުމުގެ ފައިދާ ޤަބޫލް ކުރެވި އެކަންތައް ވެސް ކުރިއަށް ގެންދެވޭތޯ ބައްލަވަނީ. ހައްތަހާ ވެސް މި ހިނގާ ކަންތަކީ އެމްޑީޕީގެ މެނިފެސްޓޯ ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތްތައް.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ހިންގުމަށް ވެރިޔަކު ހޮވާއިރު އެ މެނިފެސްޓޯ ލިޔުނު ފަރާތް ވެސް އިންތިޚާބުގައި ބައިވެރިވާ ކަމަށާއި، އެ މެނިފެސްޓޯ ހިނގުން އެމްޑީޕީއާ ހަވާލުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި 2013 ވަނަ އަހަރު އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ، 2008 ވަނަ އަހަރުގެ މެނިފެސްޓޯއަށް ވުރެން ތަފާތުވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.