ނޫސްބަޔާން: އަމަން އަމާންކަމާއި ރައްކާތެރިކަން ގެއްލިފައިވާ މާހައުލެއް ގާއިމުކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސް ބަޔާން

noosbayan

ނަންބަރު:MDP-2013-PR-12
ތާރީޚް: 6 ފެބުރުއަރީ 2013 (ބުދަ)

އަމަން އަމާންކަމާއި ރައްކާތެރިކަން ގެއްލި، ޢާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ މާހައުލެއް ގާއިމުކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސް ބަޔާން

އެންމެހާ ރައްޔިތުންނަށް އަމާން މާހައުލެއް ޤާއިމްކޮށް ދިނުމަކީ ސަރުކާރުގެ މަސްޢޫލިއްޔަތަކަށްވާއިރު، ބަޣާވަތުގެ ސަރުކާރު އެކަމަށް ނުކުޅެދުންތެރިވެ، އަމަން އަމާންކަމާއި ރައްކާތެރިކަން ގެއްލި، ޢާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ މާހައުލެއް ގާއިމުކޮށްފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަމާއި ކަންބޮޑުވުން ފާޅުކުރަމެވެ.

ފާއިތުވެގެން ދިޔަ 48 ގަޑިއިރު ތެރޭގައި ހިތްހުއްޓިގެން 4 މީހުން މަރުވެފައިވާ އިރު، މަރުވި 4 މީހުންގެ ތެރޭގައި ހިމެނޭ 2 ޒުވާނަކު މަރުވެފައިވަނީ، އޯވަރޑޮޒްވެގެން ކަމަށް ޚަބަރު ފެތުރުނުތާ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބާރު ގަދަ މަސްތުވާއެއްޗެއް ކަމަށްވާ “އެލްއެސްޑީ” ވިއްކަމުން ދާކަމަށް ބަޣާވަތުގެ ސަރުކާރުގެ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައިވެއެވެ. “އެލްއެސްޑީ”އަކީ ހިތްހުއްޓިގެން މީހާ މަރުވެދާނޭ ފަދަ މަސްތުވާއެއްޗަކަށް ވާއިރު، ރާއްޖޭގެ މާކެޓްގައި މިބާވަތުގެ ފޭކް އެއްޗެއް ވިއްކަމުންދާކަމުގެ މަޢުލޫމާތު މީގެ ކުރިން ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި ބަޣާވާތުގެ ސަރުކާރުން މިކަމުގެ އަސްލު ހޯދުމަށް މަސައްކަތް ނުކޮށް، ޤައުމުގައި އަމާން މާހައުލެއް ޤާއިމްކުރުމުގެ ވިސްނުމެއް ނެތި މުޅި މާހައުލު ނާމާން ބިރުވެރި ތަނަކަށް ހަދާފައިވާ ކަމީ މި ޕާޓީން ވަރަށް ކަންބޮޑުވުން ފާޅުކުރާމެވެ.

ޑްރަގަށް ހުޅުވިފައިވާ ދޮރުތަށް ބަންދުކުރުމަށް އެމް.ޑީ.ޕީއިން ވީ ވައުދާ ގުޅިގެން ވަރަށް ރަގަޅު ސިޔާސަތުތަކެއް ހިންގަމުންދަނިކޮށް ބަޣާވާތަކުން ސަރުކާރު ވައްޓާލުމުގެ ނަތީޖާ އަކަށްވީ އޭރު ހިންގަމުން ދިޔަ ދެވަނަ ފުރުސަތުގެ ޕްރޮގްރާމް ހުއްޓުވާ ފަރުވާދޭ މަރްކަޒްތައް ބަންދުކޮށް ޑްރަގްގެ ވަބައިގަ ޖެހިފައިވާ ކުދިންނަށް އެކަށީގެންވާ ފަރުވާއެއް ނުލިބި ރާއްޖޭގައި އާދަޔާ ޚިލާފަށް ބާރު ގަދަ މަސްތުވާތަކެތި ޢާންމުވެގެން ދިއުމެވެ. އަދި މިކަމުގެ އެންމެ ބޮޑު މައްސަލައަކީ ބާރުގަދަ ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާ މީހުން ދޫކޮށްލާފަތިބުމާއި ޑްރަގް ގެ އަވައިގަ ޖެހިފައިވާ ކުދިނަށް ފަރުވާ ދެވޭނޭ މާހައުލެއް ނެތި، ހިފާ ހައްޔަރުކޮށް ކުއްވެރިންގެގޮތުގައި ބޭތިއްބުމެވެ.

މި ޕާޓީން ގޮވާލަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ޢަމާން މާހައުލެއް ޤާއިމްކޮށްދީ، ރާއްޖޭގައި ޢާންމުވެފައިވާ ބާރުގަދަ ޑްރަގްގެ ބާވަތްތައް ހުއްޓުވާ، އެ އެއްޗެހި ރާއްޖެ އެތެރެ ކުރި ފަރާތްތައް ހޯދާ އިންސާފްގެ ކުރި މައްޗަށް ގެނައުމަށެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް