ރައީސް ނަޝީދު އިންޑިއާ އަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

މިއަދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މި ދަތުރުގައި ދިވެހިރާއްޖެއާ އިންޑިއާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށާއި، ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދެން އޮތް ގޮތްތަކަކީ ކޮބައިތޯ ދެންގަތުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ބޮޑު ކުންފުންޏަކާއި އެކު ވެފައިވާ އެއްބަސްވުމެއް މިހާރު މިއޮތް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން އުވާލުމާއި ގުޅިގެން އިންޑިއާގެ ރައްޔިތުންނާއި، ސަރުކާރާއި އަދި ކުންފުނިތަކުގެ ވެސް ވަރަށް ބޮޑު ހިންހަމަނުޖެހުމެއް މިހާރުގެ ދިވެހި ސަރުކާރާއި މެދު އެބައޮތް ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ދަތުރުގައި ބައިނަލްއަޤުވާމީ ފަރާތްތަކާއި ބައްދަލުކޮށް އިންތިޤާލީ ސަރުކާރެއް އުފެއްދުމަށް ބާރު އެޅުއްވުމަށް އެދިވަޑައިގަންނަވާނޭ ކަމަށެވެ. އަދި މިހާރު މި އޮތް ސަރުކާރު އޮވެގެން ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވިދާނޭކަމާއި މެދު ޝައްކު ކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.