ބަޣާވާތަކަށް ފަހު ފުލުހުންގެ ޤާނޫނާއި ޚިލާފަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ކަމިޝަނަރކަމުގެ މަޤާމާއި އަރާހުރި އަބްދުﷲ ރިޔާޒް ހައްޔަރުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރައްވަމުން ގެންދަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގައި މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަޣާވާތް ކުރި ފަރާތްތައް އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
“އަޅުގަނޑުމެން އަބްދުﷲ ރިޔާޒް ހައްޔަރު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ ބަޣާވާތް ކުރި ފަރާތްތައް އިންސާފްގެ ކުރި މައްޗަށް އަޅުގަނޑުމެން ގެންނާނަން. ބަޣާވާތްކޮށްގެން މިއުޅެނީ ފުލުހުންނާއި ސިފައިންގެ ވަރަށް މަދު ބައެއް. ބަޣާވާތުގެ ހާލަތުގައި، ބަޣާވާތުގެ އުސޫލްތަކުގައި ތިބެ އެއްވެސް ކުށެއް ނެތް ރައްޔިތުންތަކެއް ހައްޔަރުކުރަމުން އެ ގެންދަނީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ހައްޔަރު ކުރަމުންދާ ކުށެއް ނެތް އެމްޑީޕީގެ އެކްޓިވިސްޓުންނަށް ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ޕާޓީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ހުރިހާކަމެއްގެ އަސް އަސްލު ގުޅިފައި އޮތީ އަބްދުﷲ ރިޔާޒިއާ މުޙައްމަދު ނާޒިމް ކޮށްގެން އުޅޭ ބަޣާވާތާއި އެކަމަށާއި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.