ހައި ކޯޓުގެ ހުކުމާއި އެކު ރައީސް ނަޝީދުގެ މައްސަލަ ތާވަލްކޮށްފި

IMG_9010

ޖިނާޢީ ކޯޓުގެ އިސްޤާޒީ ހައްޔުކުރިކަމަށް ބުނެ ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުގެ މައްޗަށް ބާޣީ ސަރުކާރުން ކޮށްފައިވާ ދަޢުވާގެ އަޑު އެހުމެއް އަންނަ އާދިއްތަ ދުވަހަށް ހުޅުމާލޭ ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ ކޯޓުން ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ އެ މައްސަލަ ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދެވޭނޭކަމަށް ހައި ކޯޓުން ހުކުމް ކުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިއްޔެ ހައި ކޯޓުން ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ނެންގެވި ހުރިހާ އިޖުރާޢީ ނުކުތާތަކަށް ވެސް ހުޅުމާލޭ ކޯޓުން ނިންމާފައިވާ ނިންމުންތައް ސައްޙަކަމަށް ކަނޑައަޅާ ޙުކުމްކޮށްފައެވެ.

ރައީސް ނަޝީދުގެ ޝަރީޢަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް، އެމަނިކުފާނުގެ މައްޗަށް ޙުކުމް އިއްވަން ޖެހި ވަޑައިގަންނަވާ ކަމަށާއި، އެކަން އެގޮތަށް ނުވެއްޖެކަމުގައި ވާނަމަ ޝަރުޢީ ދާއިރާއަކީ ފެއިލްވެފައިވާ ދާއިރާއެއް ކަމަށް ބެލެވެން ފަށާނޭކަމަށް ބަޣާވާތުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޑރ. ޖަމީލް ވިދާޅުވެފައި ވަނިކޮށް، ހުޅުމާލޭ ކޯޓުން މިހާ އަވަސްގޮތަކަށް ރައީސް ނަޝީދުގެ ޝަރީޢަތް ތާވަލް ކުރުމުން އެ ކޯޓުގެ މިނިވަންކަމާއި ޢަދުލުވެރިކަމާއި މެދު ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޖިނާޢީ ކޯޓުގެ އިސްޤާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ އިތުރުން ބާޣީ ސަރުކާރުން ދައުވާ އުފުލާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ފިޔަވައި އެހެން އެއްވެސް ބޭފުޅެއްގެ މައްސަލަ މިހާތަނަށް ޝެޑިއުލްކޮށްފައި ނުވެއެވެ.