ޕާޓީތަކަށް ފައިސާ ލިބުން ލަސްވާތީ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި

2013 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާއިން މިޕާޓީއަށް ދޭންޖެހޭ ފައިސާ މިއަދާއި ހަމައަށް އައިއިރުވެސް ލިބިފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.

ޗެއަރޕާސަންގެ ނައިބު (މާލީ) ސޮއިކުރައްވާ މިއަދު ފޮނުވި ސިޓީގައި ވަނީ، ސިޔާސީ ޕާޓީ ތަކުގެ ގަވާއިދުގެ 22 ވަނަ މާއްދާގައި އެފައިސާއަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދޭންޖެހޭ ފައިސާއެއްކަމާއި، ބަޖެޓުގައި ހިމެނި ދޫކުރަން ޖެހޭ ފައިސާއެއްކަމަށް ބަޔާންކޮށްފައި އޮތުމުން، ބަޖެޓު ފާސްވުމާއި އެކު އެފައިސާދިނުން އެއްވެސް ސަބަބަކާއިހުރެ ލަސްނުކުރެވޭނޭކަމަށެވެ. އަދި މިޕާޓީން ދެކޭ ގޮތުގައި އެފައިސާ ދައުލަތުން ހޯއްދަވައި ދެއްވުމަކީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން ކޮށްދެއްވަންޖެހޭ ކަމެއް ކަމުގައި ވެސް ސިޓީގައި ވެއެވެ.

މިޕާޓީއަކީ އެ ކޮމިޝަނުގެ ދަފުތަރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެއްމެގިނަ ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީކަމަށްވެފައި، އަދި ޕާޓީ ހިންގުމަށްޓަކައި އިދާރީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭތީ، ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި ލަސް ވުމަކީ ދުޅަހެޔޮގޮތުގައި ޕާޓީ ހިންގުމަށް ހުރަސް އެޅި ސިޔާސީ ޕާޓީތައް ދަރަނިވެރިވާނެ ކަމަކަށްވާތީ، ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ ބަޖެޓުން މިޕާޓީއަށް ލިބެންވާ ފައިސާ ސިޔާސީ ޕާޓިތަކުގެ ގަވާއިދުގެ 22 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހޯއްދަވައި ދެއްވުމަށް އެ ސިޓީގައި ވެއެވެ.