އެމްޑީޕީގެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރޝިޕް އިތުރު ކުރުމަށް މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ނާޒިމް 27 ޑިސެމްބަރުގައި އޮތް ޤައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްވުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިފައިވާކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ، މެމްބަރޝިޕް އިތުރުކުރުމަށް ޤައުމީ މަޖްލީހުން ފާސްކުރި ޤަރާރާއި ގުޅިގެން ހުރިހާ ދާއިރާގެ މެމްބަރުން ވެސް ޒިންމާދާރުކަމާއި އެކު އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން ވިލިމާފަންނު ދާއިރާގެ ރައީސް މުޙައްމަދު އިބްރާހިމް މަނިކު، އެމްޑީޕީއަށް ވަނުމަށް އެދޭ 50 މެމްބަރުންގެ ފޯމް ޕާޓީގެ ސެކްރެޓޭރިއޭޓްއާ ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ނ. ހޮޅުދޫ، މުޙައްމަދު ޖަލީލް (ޖައްލެ) 30 ފޯމް ހުށަހަޅާފައިވާކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

” ޤައުމީ މަޖްލިސްގެ ޤަރާރުގައި ވަނީ ދާއިރާތަކުގެ ރައީސުންނާއި ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންގެ ވާހަކަ. އެހެން ނަމަވެސް ވަރަށް އުފަލާއި އެކު އަޅުގަނޑުމެން ފާހަގަކުރަން ޢާއްމު މެމްބަރުން ވެސް އަމިއްލައަށް އިސްނަގައިގެން މެމްބަރޝިޕް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް. އެފަރާތްތަކަށް މުޅި ޕާޓީގެ ލީޑަރޝިޕްގެ ނަމުގައި އަޅުގަނޑު ޝުކުރުދަންނަވަން ” އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ފޯއްމުލަކު 3 ދާއިރާއިން 193 މެމްބަރޝިޕް ފޯމް މީގެ ކުރިން ސެކްރެޓޭރިއޭޓަށް ހުށަހަޅާފައިވާއިރު، މިހާރު ވެސް ފޯމް ފުރުމުގެ ކަންތައް ރަށު ތެރޭގައި ކުރިއަށް ދާކަމަށް ދާއިރާތަކުގެ ރައީސުން މަޢުލޫމާތުދީފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ލ. ގަމުގެ ފިނި ރޯޅި، އިބްރާހިމް ޝިހާބް ވަނީ ޕާޓީއަށް 55 މެމްބަރުން ވައްދާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤް ވަނީ، އެމްޑީޕީއަށް ވަނުމަށް އެދޭ 70 މެމްބަރުންގެ ފޯމް ސެކްރެޓޭރިއޭޓަށް ހުށަހަޅާފައެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850 ) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.