– އިންތިހާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދިޔުމުގެ އަމުރަކަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި.
“ހުޅުމާލޭ ކޯޓު” ކަމަށް ބުނާތަނެއްގައި ކުރިއަށް ގެންދާ ރައީސް ނަޝީދުގެ ޝަރިޢަތާއި ގުޅޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެންގެވި އިޖުރާޢީ ނުކުތާތަކާ މެދު ގޮތެއް ނިންމަވާ މާދަމާ ހުކުމް އިއްވަވާނޭ ކަމަށް މިއަދުގެ ޝަރީޢަތުގެ މަޖިލިސްގެ ރިޔާސަތު ބެލެހެއްޓެވި ޝުޢައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ. ފަނޑިޔާރު ޝުޢައިބު މިހެން ވިދާޅުވީ، މިއަދު ބޭއްވެވި ޝަރީޢަތުގެ މަޖިލިސް ނިންމަވާލެއްވުމުގެ ކުރިންނެވެ.
މިއަދު ބޭއްވެވި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން އިޢުލާންކޮށްފައިވާ ކެނޑިޑޭޓަކަށް ވުމުން އެމަނިކުފާނުގެ ކެނޑިޑެންސީ ގެއްލުވާލުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ދަށު ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުވާ ކުރެވިފައިވަނީ އެމަނިކުފާނުގެ މައްޗަށް އެކަނި ނޫން ކަމަށާއި މީ އެތައް ހާސް ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި 3 އިޖުރާޢީ ނުކުތާއަކީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއަކާއި އެ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައީސް ނަޝީދަށް ފޮނުވީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެއްގެ އިތުރުން އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ނުބޭއްވޭނެ ކަމަށް ހުށަހެޅި ނުކުތާއެކެވެ.
މީގެ ތެރެއިން ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ޝަރީޢަތުގެ މަޖިލީހުގައި އެނުކުތާއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންނުޖެހޭ ބައެއް ހާލަތްތައް އޮންނަ ކަމަށެވެ. އަދި އެ އުސޫލުތަކަށް ރާއްޖޭގެ ކޯޓުތަކުން މިހާރު ވެސް އަމަލުކުރާ ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އޭނާ ވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއް އިއްވާފައެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވާ ގޮތުން ޖިނާއީ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތު ކުރެވޭނީ “އެއްވެސް ޝައްކެއް ނެތް” މިންވަރަށް ސާބިތުވުމުން ކަމަށް ވި ނަމަވެސް އެ އުސޫލާ ހިލާފަށް ދަށު ކޯޓުތަކުން މިހާރު ވެސް ޖިނާއީ މައްސަލަތައް ސާބިތުކުރަމުން އަންނަ ކަމަށް އަފީފު ވިދާޅުވި އެވެ. ސަބަބަކީ ޖިނާއީ މައްސަލަތަކަކީ “އެކަށީގެންވާ ޝައްކެއް ނެތް” މިންވަރަށް ސާބިތުވާންޖެހޭ މައްސަލަތައް ކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވި ނަމަވެސް އެ ނުކުތާއާމެދު ހައި ކޯޓުން ވެސް ގޮތެއް ނިންމައިދިނުމަށް އަބްދުﷲ އަފީފް އެދިވަޑައިގެންނެވިއެވެ.
ޤާނޫނާއި ޚިލާފަށް ރައީސް ނަޝީދަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާފައި ވާތީ އެނުކުތާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އަބްދުﷲ ޝާއިރު ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދަށް ފޮނުވީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނާއި ހިލާފަށް ކަމެއް ފެށުމަށްފަހު އޭގެފަހުން ކުރާ ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން އެނގޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ހުށަހެޅުއްވީ ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުން ބެލިއިރު ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށްފައިވާތީ އެ ބެންޗުގެ ހުރިހާ ނިންމުންތަކާއި އަމުރުތައް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.
މިއަދުގެ ޝަރީއަތަށް ރައީސް ނަޝީދު ހާޒިރުކުރި ގަޑިއާ ދިމާކޮށް އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޯޓުތައް ހިމެނޭ ސަރަހައްދަށް އެއްވެފަ އެވެ.