ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުއާ އެމް.ޑީ.ޕީގެ ބައެއް އިސް ވެރިން ޔޫކޭގެ ޕާލިއަމަންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން އެންޑް ކޮމަންވެލްތް އެފައަރޒް އެލިސްޓެއަރ ބަރޓްއާ ޑެޕިއުޓީ ހައިކޮމިޝަނަރ ރޮބީ ބުލޮކްއާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ (2 ފެބްރުއަރީ 2013 ވީ ހޮނިހިރު ދުވަހު) އެމްޑީޕީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވީ، މި އަހަރު ބޭއްވުމަށް ނިންމާފައިވާ އިންތިޚާބުގެ ކުރިން އިންތިޤާލީ މަރްހަލާ ބައިނަލް އަޤުވާމީ އެހީތެރިކަމާއި އެކު ޤާއިމްކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުންނާއި، ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތު ރަގަޅުކޮށް މިހާރު ހުއްޓިފައިވާ ގިނަ ކަންތައްތައް ފެށިގެން ރަގަޅުވާނީ އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިގެން ކަމުގަ ރައީސް ނަޝީދު ވިދާޅުވިއެވެ. މި ބައްދަލުކުރުމުގައި ހުރިހާ ޕާޓީތަކުގެ ކެންޑިޑޭޓުން ބައިވެރިވެވޭނެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެމެރިކާ ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވަފުދުން ހާމަކުރެއްވިއެވެ.
އިއްޔެގެ މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ (ކޯނީ)ން 6، 7 އަދި 8 ފެބްރުއަރީގައި ހިނގި ކަންތައް ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓާއި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެ ތިން ދުވަހު ހިނގާދިޔަ ކަންތައް ބަލާ ދިރާސާ ކުރުމަށް ފަހު ޢާންމު ކުރި މަޢުލޫމާތުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން އެމްޑީޕީގެ އެކްޓިވިސްޓުން ހައްޔަރު ކުރަމުން ގެންދާތިއާ، ޤާނޫނީގޮތުން ލިބިދީފައިވާ ހައްޤުތައް ބޭނުންކުރަމަށް ފުލުހުން ހުރަސް އަޅަމުން ދާތީ އެކަމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެ އިތުރުން ޑޮކްޓަރ އަފްރާޝީމްގެ އަނިޔާވެރި މަރުގެ ތަޙްގީގް މަޑުޖެހިފައިވާތީ މިކަމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖޭ ޑިމޮކްރަސީއަށް ކުރަމުންދާ ދަތުރުގައި ޔޫކޭގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން ދާތީ އެކަމާއި ޝުކުރުއަދާކޮށް ކުރިއަށް އޮތްތާނގަ ވެސް އެފަދަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނޭކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.