އެމްޑީޕީ ތޮއްޑޫ ދާއިރާއިން ނެރޭ ނޫސްބަޔާން

noosbayan

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދަށް ޕީޕީއެމްގެފަރާތުން ދިން އިންޒާރާމެދު ދަންނަވަމެވެ. ތޮއްޑޫ ދާއިރާގެމަޖިލިސް ގޮނޑިއަކީ ދާއިރާގެ ރައްޔިތުންގެ މިލްކެކެވެ. ޕީޕީއެމް ބޭނުންހާގޮތަކަށް މޮޑެވޭނެ ފުށްގަނޑެއް ނޫންކަން މިފުރުސަތުގައި ޕީޕީއެމް އަށް ހަނދާންކޮށްދެމެވެ. ތޮއްޑޫ ދާއިރާގެ ގޮނޑިއަށް ދާއިރާގެ ރައްޔިތުން ޢަލީ ވަޙީދު ހޮވީ ދާއިރާގެ މެޖޯރިޓީއާއި އެއްގޮތަށް މަސައްކަތްކުރަން ކެރޭނެ ފަރާތަކަށް ވާތީއާއި ޒުވާން،ކަމަށް ޤާބިލް އިދިކޮޅުފަރާތް ތައް ޖެހިލުންވާފަދަ ޝަޚުސިއްޔަތަކަށް އެބޭފުޅާ ވާތީއެވެ. ސިޔާސީގޮތުން ޢަލީ ވަޙީދުއާއި ކުފޫ ހަމަނުވާ ބޭފުޅަކު ނޫސްވެރިންގެ ކުރިމަތީގައި ދާއިރާގެ މެމްބަރުންގެ ޕްރެޝަރޭ ވިދާޅުވާއިރު، ތޮއްޑޫ ދާއިރާގައި މިހާރު ޕީޕީއެމްގެ ސައިޒުވެސް އެފަރާތަށް ނޭންގެނީބާވައެވެ؟

ތޮއްޑޫދާއިރާއަކީ، އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީއެއް އޮތް ދާއިރާއެއްކަން ފަޚުރުވެރިކަމާއެކު ދަންނަވަމެވެ. އަދި ދާއިރާގެ މެމްބަރ ޢަލީ ވަޙީދު ޕާރޓީ ލެވެލްގައި ދައްކަވަމުން އެގެންދަވާ ހިތްވަރަކީ ދާއިރާގެ އެމްޑީޕީގެ ހުރިހާ މެމްބަރުން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ހިތްވަރެކެވެ. އަދި ދަންނަވަމެވެ. ތޮއްޑޫދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއަކީ އެމްޑީޕީގެ އަތުން އިދިކޮޅު އެއްވެސް ފަރާތަކަށް އަތުލައިގަނެގެން ގެންދެވޭނެ ގޮނޑިއެއްނޫނެވެ. އަދި ޕީޕީއެމް އިން ދާއިރާގެ މެމްބަރު ޢަލީ ވަޙީދަށް ދިން އިންޒާރު ދާއިރާގެ އެންމެހާ މެމްބަރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

3 ފެބުރުއަރީ 2013

މޫސާ ފާރޫޤް
ތޮއްޑޫ އެމްޑީޕީ ކައުންސިލް މެމްބަރ