އިއްޔެ (1-ފެބަރުއަރީ 2013) އިރުއޮއްސުނު ވަގުތުގައި މާލޭގެ އުސްފަސްގަނޑު ސަރަޙައްދުން ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ނުޙައްޤުން އިތުރުކުރި ކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-11
ތާރީޚް: 2 ފެބުރުއަރީ 2013 (ހޮނިހިރު)

އިއްޔެ އިރުއޮއްސުނު ވަގުތުގައި މާލޭގެ އުސްފަސްގަނޑު ސަރަޙައްދުން ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ނުޙައްޤުން އިތުރުކުރި ކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުށްވެރިކުރަމެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ އޮފިސަރުން ޢާންމުންގެ ތެރެއަށް ވަދެގަނެ، އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރާއިސް އައިމިނަތު ޝައުނާއާއި، މާލޭ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރ މުޙައްމަދު ފަލާޙްގެ އިތުރުން ހައްޔަރުކުރި މީހުން ފުލުހުންގެ ބެރިކޭޑްތަކުގެ ފަހަތުގައި ތިއްބާ ހައްޔަރުކުރި ކުރުން މީ ސިޔާސީ ކުލަވަރުޖެހިފައިވާ ހައްޔަރުކުރުމެއްކަމާ އަދި މިކަމަކީ އެމްޑީޕީއިން ނުހަނު ކަންބޮޑުވުން ފައުޅުކުރާކަމެކެވެ.

އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރެވުނު 14 މީހުންގެ ބަންދުގެ މުއްދަތު މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިތުރުކޮށްފައިވަނީ އެމީހުންނަކީ މުޖުތަމަޢަށް ހުރިނުރައްކަލެއްކަމަށް ބުނެ ފުލުހުން އެދުނު އެދުމުގެ މަތިންނެވެ.

މި 14 މީހުންގެ ވަކީލުންގެ ފަރާތުން ހުށަހެޅި ވާހަކަތަކާއި، މިމީހުން ބަންދުކޮށްފައިވަނީ ނުޤަވާޢިދުން ޤާނޫނާ ޚިލާފަށްކަމަށްބުނެ ހުށަހެޅި މައްސަލައަށް ޝަރީޢަތުން ރިޢާޔަތްކޮށްފައެއްނުވެއެވެ. އޭގެ ބަދަލުގައި މިމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ހަމައެކަނި ފުލުހުންގެ ފަރާތުން ހުށަހެޅި ބަޔާންތަކަށް ބިނާކޮށްމެއެވެ. އެހެންނަމަވެސް ހައްޔަރުކޮށްފައި ތިބި މީހުން ބުނެފައިވަނީ ފުލުހުންގެ ބަހަކީ ވަކިފަރާތަކަށް ޖެހިފައިވާ އެއްޗެއްކަމަށެވެ. އަދި ފުލުހުންގެ ވާހަކަތަކަށް ބާރުދޭ ހެކިވެސްނެތްކަމަށެވެ. މިއާއެކު ޝަރީޢަތުގެ މަޖިލީހަށް 14 މީހުންނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ހެއްކެއް ހުށަހެޅިފައެއްނުވެއެވެ.

އިއްޔެ ހައްޔަރުކުރި އެންމެންމެ ހައްޔަރުން މިނިވަންކުރުމަށާއި، ސިޔާސީ ގޮތުން ކުލަވަރުޖެހިގެން ސުލްޙަވެރި ސިޔާސީ ޙަރަކާތަކަށް ހުރަސްއެޅުމަށް ފުލުހުން ކުރަމުންދާ ހައްޔަރުތައް ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލައެވެ.

“2012 ފެބްރުއަރީގައި ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދައްކާ، އަނިޔާވެރިކަމުގެ ޢަމަލުތައް ހިންގި. އެކަންކަމާމެދު ފިޔަވަޅު ނޭޅި އެތިބި ގޮތަށް ތިބި ފުލުހުންނަށް ޤާނޫނު ނެގެހެއްޓުމަކީ ކުރެވޭނެކަމެއްނޫންކަން އެއީ ނުހަނު ސާފުކަމެއް. ވަޙީދުގެ ސަރުކާރުން ޤާއިމުކުރަމުންމިދާ ޒިންމާދާރުން ރެކުމުގެ ސަޤާފަތަކީ އަމަންބަލަހައްޓާ މުއައްސަސާތަކުގެ އަގާއި، ނަމަށް އެއްވެސް ކުރިއެރުމެއް ފައިދާއެއް ގެނެސްދޭނެ ކަމެއްނޫން. އެކަމުން ހަމައެކަނި މަގުފަހިވަނީ އެކުށްތައްކުރި މީހުން ޙިމާޔަތްވެގެންދިއުން. ވަކި ބަޔަކަށް ޓާގެޓުކޮށްގެން ފުލުހުން ކުރަމުންދާ ނުޙައްޤު ހައްޔަރުތަކާއި، ކޯޓުތަކުން ފޯރުކުރަންޖެހޭ ޤާނޫނީ އިޖުރާތުތައް ފުރިހަމަނުކުރާކަމީ އަޅުގަނޑުމެން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމެއް” ޚާރިޖީ ދާއިރާއަށް ޚާއްސަ، އެމްޑީޕީގެ ތަރުޖަމާނު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވިއެވެ.