އައްޑު އަތޮޅުގެ ޑޯޓުޑޯ ރައީސް ނަޝީދު މިއަދު ފައްޓަވައިދެއްވައިފި

އައްޑު އަތޮޅުގެ ޑޯޓުޑޯ ކެމްޕެއިން މިހާރު އައްޑު އަތޮޅަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު މިއަދު ފައްޓަވައިދެއްވައިއެވެ.

މި ޑޯޓުޑޯ ކެމްޕެއިން ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު 9 ޖެހިއިރު ހިތަދޫ އެމްޑީޕީގެ ހަރުގޭގައި ބޭއްވެވި ކުޑަ ރަސްމިއްޔާތަކަށް ފަހު އެވެ. އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން މި ޑޯޓުޑޯ ކޯޑިނޭޓް ކުރުއްވުމުގައި އުޅުއްވާ އުސާމަތު އައްބާސް (އުސޭ) ވިދާޅުވީ، މި ޑޯޓުޑޯ ކެމްޕެއިންގައި ރައީސް ނަޝީދު ވެސް ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އުސޭ ވިދާޅުވީ އިއްޔެ ހިތަދޫއިން ފެށިގެން ފޭދޫއަށް ބޭއްވި ހިނގާލުމުގައި ވެސް ރައީސް ނަޝީދު ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި، މި ހިނގާލުމުގައި އެމްޑީޕީއަށް ތާޢީދު ކުރާ އެތައް ހާސް މެމްބަރުންނަކާއި ބަޣާވާތާއި ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އެމްޑީޕީން ކުރާ ޑޯޓުޑޯ ކެމްޕެއިންތަކުގެ ބޭނުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ.