ނަންބަރު:MDP-2013-PR-10
ތާރީޚް: 1 ފެބުރުއަރީ 2013 (ހުކުރު)
މިއަދު (1 ފެބްރުއަރީ 2013 ވަނަ ދުވަހު) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ސުލްޙަވެރި ޤައުމީ ހިނގާލުން އުސްފަސްގަނޑު ސަރަހައްދުން ނިންމާލި ވަގުތު އެސަރަހައްދުގައި ސުލްހަވެރިކަމާއެކު ތިބި މި ޕާރޓީއަށް ނިސްބަތްވާ އަދި މި ޕާރޓީއަށް ތާޢީދުކުރާ އެތައް ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާތީ އެކަން މި ޕާރޓީން އެންމެ ހަރު އަޑުންކުށްވެރި ކުރަމެވެ.
މިގޮތުން ފުލުހުން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ކައުންސިލަރ މުޙައްމަދު ފަލާޙާއި މި ޕާރޓީގެ ޔޫތު ވިންގުގެ ރައީސް އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވައެވެ. އެދެބޭފުޅުންނާއި އެހެން ހުރިހާ ފަރާތްތަކެއް ވެސް މިއަދު ހައްޔަރުކޮށްފައިވަނީ އެފަރާތްތަކުން ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައިނުވަނީސް، ޣައިރު ޤާނޫނީ ހައްޔަރަކުންނެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. އެހެންކަމުން މިޙައްޤު ނިގުޅައި ގަތުމަށް މަސައްކަތް ނުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދި މިޙައްޤުގެ ދިފާއުގައި މި ޕާރޓީން ކުރަމުންގެންދާ މަސައްކަތް ނުހުއްޓޭނެކަމުގައި ވެސް ދަންނަވަމެވެ.
މި ޕާޓީން ގޮވާލަނީ، ފުލުހުން މިއަދު ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކުރި މި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުޙައްމަދު ފަލާޙާއި މިޕާރޓީގެ ޔޫތް ވިންގުގެ ރައީސް އައިމިނަތު ޝައުނާގެ އިތުރުން މިއަދު ހައްޔަރުކުރި އެންމެހައި ފަރާތްތައް ވަގުތުން ވަގުތަށް ދޫކޮށްލުމަށެވެ.