ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީގައި ބަޣާވާތަކުން ބަދަލުކުރުމަށް ފަހު ރާއްޖޭގެ ނޫސްވެރިންނާއި ދެކޮޅަށް، ބަޣާވާތުގެ ސަރުކާރުން ހިންގި ޢަމަލުތަކުގެ ސަބަބުން 2012 ވަނަ އަހަރު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން 30 ދަރަޖަ ފަހަތަ ގޮސްފައިވާކަމަށް ނޫސްވެރިންގެ ހައްޤުގައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ “ރިޕޯޓާސް ވިތައުޓް ބޯޑާސް” އިން ބުނެފި އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި އެންމެ ފަހުން ނެރުނު އެ ޖަމްޢިއްޔާގެ ރިޕޯޓް (2011ގެ ރިޕޯޓް)ގައިވާގޮތުން އޭރު ރާއްޖެއަށް ލިބިފައިވަނީ 73 ވަނައެވެ. މީގެ 30 ދަރަޖަ ފަހަތަށް ޖެހި 103ވަނަ އަށް ރާއްޖެ ވެއްޓިފައިވަނީ، ބަޣާވާތަކުން ވެރިކަން ބަދަލުކުރުމަށް ފަހު، ރައީސް ނަޝީދަށް ސަޕޯޓް ކުރާ ނޫސްވެރިންކަމަށް ބުނެ ބައެއް ނޫސްވެރިންނަށް ބިރުދައްކައި، ފުރާނައަށް ގެއްލުންވާ ފަދަ ހަމަލާތައް ދިނުމުންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖޭ 30 ދަރަޖަ ފަހަތަށް ދިއުމުން އެމްޑީޕީގެ ސްޕޯކްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އިމްތިޔާޒް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލަމުން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ޢަމަލީގޮތުން އެކަންތައް ދައްކާފައިވާނެ ކަމަށެވެ.
” އެނގިވަޑައިގަންނަވާނެ އެމްޑީޕީން ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފައި. އޭރު ރިޕޯޓާސް ވިތައުޓް ބޯޑަރސްގެ އިންޑެކްސްގައި ރާއްޖެ އޮތީ 104 ވަނާގައި. އެހެން ނަމަވެސް ބަޣާވާތަކުން އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލިއިރު ރާއްޖެ އޮތީ 30 ވަނައިގަ. މީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެން ހޯދި.” އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމާ ހަވާލުވިއިރު ނޫސްވެރިންނަ ލިޔެވޭ އެއްޗަކުން، ނުވަތަ ކިޔޭ އެއްޗަކުން، އެމީހުންގެ މައްޗަށް ދަޢުވާ ކުރަމުން އައީ ޖިނާޢީ ކުށެއްގެގޮތުގައި ކަމަށް ވިޔަސް، އެކަން މަދަނީ ކުށަކަށް އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ބަދަލުކޮށްފައިވާކަމަށެވެ.