އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 136 ވަނަ ބައްދަލުވުން ބާއްވައިފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 2013ވަނަ އަހަރުގެ ދެވަނަ ބައްދަލުވުން (ހިންގާ ކޮމެޓީގެ 136 ވަނަ ބައްދަލުވުން) މިއަދު އެމްޑީޕީ އޮފީސްގައި ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުންނާއި ސެކްރެޓޭރިއަޓްގެ ފަރާތުނާއި 7 މެމްބަރުންގެ ކޮމެޓީގެ ފަރާތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުއެރުވިއެވެ.

އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުދެއްވީ އެ ގްރޫޕްގެ ވިޕް، ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއާއި މަނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ތޯރިޤްއެވެ. ހަތް މެމްބަރުން ކޮމެޓީގެ ފަރާތުން މަޢުލޫމާތު އެރުވީ އެ ކޮމެޓީގެ މުޤައްރިރު މުޙައްމަދު ޝިހާބުއެވެ.

މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުއެވެ.