ނޫސްބަޔާން: ތުޅާދޫގައި ޝުޢޫރު ފާޅުކުރަމުންދިޔަ ރައްޔިތުންތަކެއް ހައްޔަރުކުރި މައްސަލަ އެމް.ޑީ.ޕީ އިން ކުށްވެރިކޮށް ނެރޭ ނޫސް ބަޔާން

noosbayan

އިއްޔެ (26 ޖެނުއަރީ 2013) ގައި އަދާލާތު ޕާރޓީގެ ރައީސް ބ.ތުޅާދޫއަށް ޒިޔާރަތްކުރުމުން، އޭނާއަކީ ފިތުނައިގެ މީހެއްކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެ އެ މަޖިލީހަށް އިންޒާރުތައްދީ، މަޖިލިސް އުވާލުމަށް ގޮވާލައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ މީހެއްކަމަށްބުނެ، އެ ރަށުގެ ރައްޔިތުންތަކެއް އެއްވެ އޭނާއާ އިދިކޮޅަށް ހަމައެކަނި ޝުޢޫރު ފާޅުކުރުމުން އެސް އޯ ފުލުހުންގެ ޓީމެއް އެރަށް އަރައި ޤާނޫނާ ޚިލާފަށް ގިނަ ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އެސް އޯ ފުލުހުންގެ ޔުނިފޯރމާއި ހަތިޔާރު އަޅައިގެން އިއްޔެ ބ.ތުޅާދޫއަށް ވިއްސަކަށް ފުލުހުން އަރައި ތަނެއް ދޮރެއްނުބަލައި، އެރަށުގެ ރައްޔިތުންކުރެ 11 މީހަކު ހައްޔަރުކޮށް ބިޑިއަޅުވައިގެން ގެންގޮސްފައި ވާކަމާއި، އޭގެ ތެރޭގައި މި ޕާރޓީއަށް ނިސްބަތްވާ 2 ކައުންސިލަރަކު ވެސް ހިމެނޭކަން ފާހަގަކުރަމެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާ ދިމާލަށް “ބާޣީ” އޭ ގޮވާފައިވާތީއާއި، އަދި ކޯޓުގެ އަމުރެއް ވެސް ނެތި، މީހުންގެ ގޯތި ގެދޮރުގެ ތެރެއަށް ވަދެގަނެ، އެއްވެސް ހަމައެއް ލަމައެއް ނެތްގޮތަކަށެވެ. އަދި 2 ކައުންސިލަރުން ފިޔަވައި ދެންތިބި އެންމެންގެ މައްޗަށް ކޯޓުން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

ފުލުހުންނާއި ސިފައިން ގެ ތެރެއިން ބަޔަކު ބައިވެރިވެގެން ހިންގި ބަޣާވާތަށްފަހު އެމް.ޑީ.ޕީ އަށް ނިސްބަތްވާ މީހުންގެ ގައިގައާއި، ރައްޔިތުންގެ ގައިގާ ފުލުހުން ތަޅައި ލާއިންސާނީ އަނިޔާކޮށް މި ޢާންމު އުސޫލުން ރައްޔިތުން ހިފައި ހައްޔަރުކޮށް، ދޮގު ދަޢުވާތައް އުފުލުން އިންތިހާއަށް މައްޗަށް ގޮސްފައިވާކަން ފާހަކަކުރަމެވެ. އަދި ފުލުހުން ރައްޔިތުންނަށް އަނިޔާކުރުމާއި ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމުގެ މި ސިސްޓަމެޓިކް އަމަލުތައް ރައްޔިތުންނާއި ބައިނަލް އަޤުވާމީ އެންމެހައި ފަރާތްތަކުންދަނީ ކުށްވެރިކުރަމުންނެވެ.

އެހެންކަމުން ދިވެހިރައްޔިތުންނަށް އަނިޔާ ނުކުރުމަށާއި، ޤާނޫނާ ޚިލާފަށް މީހުން ހިފާ ހައްޔަރުކުރުމާއި ދޮގު ދަޢުވާތައް ހަދަ ހަދައިގެން ނުކުރުމަށާއި، ޤާނޫނާ ޚިލާފަށް ބ.ތުޅާދޫއިން އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް މިނިވަންކޮށްފައި ނުވާ 9 މީހުން ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަމެވެ. އަދި އަނިޔާކުރުމާއި ޤާނޫނާ ޚިލާފަށް ހިފާ ހައްޔަރުކުރުމުގެ ތާރީޚެއް އޮތް ފުލުހުން ހިންގާ މި ޖަރީމާތައް ރަނގަޅަށް ތަޙްޤީޤްކޮށް ބެއްލެވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް