ފުލުހުންނާއި ދިމާލަށް “ބާޣީ” އޭ ގޮވައިގެން މީހަކު ހައްޔަރުކޮށްފި.

ބާޣީ ވަޙީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަމުންދާ ދަތުރުގައި އިއްޔެ ށ. ކަނޑިތީމަށް އެރުމުން އެރަށުގައި ހަރާކަތްތެރި ވި ފުލުހުންނާއި ދިމާލަށް “ބާޣީ”އޭ ގޮވި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން އެ ދާއިރާގެ ރައީސް ވިދާޅުވީ، ވަހީދު އައުމުން ބޭއްވި ޖަލްސާއަށް އެއްވެސް ޒުވާނަކު ނުދިއުމަށް ނިންމާ، އެންމެ ވެސް ދިޔައީ ފުޓްބޯޅަ ކުޅެން ކަމަށެވެ.
“ކަންދިމާ ކުރިގޮތުން ފުޓްބޯޅަ ދަނޑު މި އޮންނަނީ ސްކޫލް ކައިރީގައި. އަޅުގަނޑުމެން ކުޅެނިކޮށް ކުޅުންތެރިޔަކު ޖެހި ބޯޅައެއް ގޮއްސަ މި ޖެހުނީ ސްކޫލް ފާރުގަ. ދެން ރަށުން އޭނަ ހައްޔަރު ކުރީމަ އެތާ ކައިރީގައި ހުރި ކުއްޖަކު ފުލުހުންނާއި ދިމާލަށް “ބާޣީ” އޭ ކިޔާފައި ގޮވުމުން އެ ކުއްޖާ ފުލުހުން ހައްޔަރު މި ކުރީ” ދާއިރާ ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ވަނީ ވަހީދުއަށް “ބާޣީ”އޭ ގޮވައިގެން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އަބްދުﷲ ރިޔާޒް އާއި މުޙައްމަދު ނާޒިމަށް “ބާޣީ”އޭ ގޮވިކަމަށް ބުނެ އެ މީހުން އަންނަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް ނަޝީދުގެ މައްޗަށް ދަޢުވާ ކުރަމުންނެވެ.