ތުޅާދޫއިން އެމްޑީޕީގެ 11 މެމްބަރަކު ހައްޔަރުކޮށްފި

ޢަދާލަތު ޕާޓީން ބ. ތުޅާދޫއަށް އެރުމާއި ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރި ސުލްހަވެރި މުޒާހަރާއެއް ރޫޅާލާ އެ މުޒާހަރާގައި އުޅުނު އެމްޑީޕީގެ 11 މެމްބަރަކު މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދިން އެރަށުގެ މީހަކު ބުނީ، ފުލުހުން އެ 11 މީހުން ވެސް ހައްޔަރުކޮށްފައިވަނީ ވަރަ އަނިޔާވެރި ގޮތްގޮތަށް ކަމަށާއި، އަދިވެސް އެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ހޯދުމަށް ފުލުހުން ރަށު ތެރޭގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

” ފުލުހުން ބުނަނީ ތިމަންނަމެން އައީ ޢަދާލަތު ބަޔަކާއި އެކީ ނޫނޭ، މި ރަށުގައި މައްސަލައެއް ތަޙުޤީގު ކުރާންށޭ. އަޅުގަނޑަކަށް ނޭގޭ ތަޙުޤީގީ ޓީމަކުން ދިހަ ބާރަ އެސްއޯ ފުލުހުން ހިމަނަން ވީ ސަބަބެއް. ފުލުހުން އައީ ތުޅާދޫ ރައްޔިތުންނަށް އަނިޔާކޮށް ހައްޔަރު ކުރަން.” އޭނާ ބުންޏެވެ.

މިއަދުގެ މި މުޒާހަރާގައި ހައްޔަރުކުރި ފަރާތްތަކަށް ޤާނޫނީ ވަކީލުން ފޯރުކޮށްދިނުމުގެ މަސައްކަތް އެވަގުތުން ފެށިގެން ކުރަމުން އަންނަކަމަށް ޕާޓީން މަޢުލޫމާތުދެއްވައެވެ.