ސަރުކާރު ޤަބޫލްނުކުރާކަން ބަޔާންކޮށް ހުށަހެޅި ޕެޓިޝަންތަކުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލެވޭތޯ ބަލާނަން – ކޮމެޓީގެ މުޤައްރިރު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލީ “ބަޣާވާތަކުން” ކަމަށާއި، ބަޣާވާތްކޮށްގެން އެކުލަވާލާފައިވާ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ޤަބޫލް ނުކުރާކަން ބަޔާންކޮށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންތަކުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލެވޭތޯ ބައްލަވާނޭކަމަށް އެ ކޮމެޓީގެ މުޤަރިއްރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

32000ށް ވުރެން ގިނަ މީހުން ސޮއިކޮށްފައިވާ މި ޕެޓިޝަންތަކާއި ޙަވާލުވެވަޑައިގަތުމުގެ ކުރިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކާނަލް ނަޝީދު ވިދާޅުވީ، އެތައްހާސް ރައްޔިތުންނެއް ސޮއިކުރައްވާ ޙަވާލު މިކުރެއްވި މަސައްކަތަކީ ވަރަށް ވެސް ބުރަ މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް މި މަސައްކަތް ފަރުވާތެރިކަމާއި އެކު ނިންމާލަދެވޭނޭކަމުގެ ޔަޤީކަން އެބައޮތް ކަމަށެވެ. އަދި މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސް ވަރަކަށް ވާތީ، މަސައްކަތް ސީދާ ނިންމާލެވޭނޭ ތާރީޚެއް ދޭން އުނދަގޫކަމަށް ވެސް ކާނަލް ނަޝީދު ވިދާޅުވިއެވެ.

އިއްޔެ މި ޕެޓިޝަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދިޔަ ރައްޔިތުނަށް، މަޖިލީހަށް ނުވަދެވޭނޭކަމަށް ސެކިއުރިޓީން އެންގުމުން ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަންތައް ވައްދާފައިވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަކަތުންނެވެ.

ތަންޑިޔާތަކެއްގައި އެލުވައިގެން ގެންދިޔަ މި ޕެޓިޝަންތަކުގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ ” ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުހަންމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން އިއުލާންކުރެއްވި ސަރުކާރަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ބަޣާވާތެއްގެ ތެރެއިން އުފެއްދި ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ” ކަމަށެވެ. އަދި “ޣައިރު ގާނޫނީ ސަރުކާރު” ގަބޫލުނުކުރާކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްދިނުމަށް ވެސް އެ ޕެޓިޝަންގައި ވަނީ އެދިފަ އެވެ.
އުސްފަސްގަނޑުން ފެށި މި ހިނގާލުމުގައި ބަޣާވާތާއި ދެކޮޅު އެތައްހާސް ރައްޔިތުންނެއް ބައިވެރިވެ ވަޑައިގަތެވެ.