ބަޤާވާތާއި ދެކޮޅު ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ

7 ފެބްރުއަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރި ބަޤާވާތާއި ދެކޮޅަށް 28،000ށް ވުރެން ގިނަ ދިވެހި ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ތައްޔާރުވަމުން އެބަދެއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވި ބޭފުޅަކު ވިދާޅުވީ، މިއަދަދު އަދިވެސް އިތުވެގެން ދާނޭކަމަށާއި، ރަށްރަށުން އަދިވެސް ބައެއް ސިޓީތައް ލިބެމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ވަނީ، 7 ފެބްރުއަރީގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން އިޢުލާން ކުރެއްވި ސަރުކާރަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަ ޤާނޫންތަކާއި ޚިލާފަށް ބަޣާވާތެއްގެ ތެރެއިން އުފެއްދި ޣައިރު ޤާނޫނޫ ސަރުކާރެއް ކަމަށާއި، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޣައިރު ޤާނޫނީ ސަރުކާރު ޤަބޫލްނުކުރައްވާކަން ރައްޔިތުންގެ މަޖިލީހުން އިޢުލާންކޮށްދެއްވުމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ.

“ބަޣާވަތް މަ ކުށްވެރިކުރަން” މިނަމުގައި އެމްޑީޕީން ހުކުރު ދުވަހު ބާއްވާ ބޮޑު ހިނގާލުމަށް ފަހު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ޕެޓިޝަންގައި ސޮއިކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިރެޔާއި މާދަމާ ވެސް އުސްފަސްގަނޑަށް ވަޑައިގެންނެވުމުން އެކަންތައް ހަމަޖެހިގެން ދާނޭކަމަށް ޕާޓީން ބުނެއެވެ.