ވިލިގިލީ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބި ކުޑަ ދެ އަންހެން ކުއްޖަކު މާފުށީ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެމުން ދަނިކޮށް، އެކަންފަޅާ އަރާފައި ވާ ހިނދު، އެމްޑީޕީގެ ދެ މެމްބަރަކު އިސްނަންގަވައިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް އިއްޔެ ހުށަހައްޅުވައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާ މަޑަވެލި ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމްއެވެ.
މިދެންނެވިގޮތަށް މާފުށީ ޖަލުގައި ހައްޔަރުކޯށްފައި ވަނީ ވިލިގިލީ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބި އުމުރުން އެންމެ 15 އަހަރާއި 16 އަހަރުގެ ކުޑަ ދެ އަންހެން ކުދިންނެވެ. އަދި އެ 2 ކުދިން ނިޒާމުން ގެއްލުވާލައި ދޫނީދޫ ޖަލުގައި ހައްޔަރު ކުރުމަށް ފަހު މާފުށީ ޖަލަށް ބަދަލުކޯށް، ހުރިހާ ބާވަތެއްގެ ކުށްވެރިންނާއި އެކު ހައްޔަރުކޮށްފައިވާ ކަން ވަނި ފަޅާއަރާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސްއިން ވަނީ އެކަން ހާމަކޮށްފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ޢާންމުކޮށްފައި ވާތީ އެ ކޮމިޝަނާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ. އަދި ކޮމިޝަނުން މިކަން ހާމަކޮށްފައި ވާތީ އެ ކޮމިޝަންގެ މައްޗަށް ދަޢުވާ ކުރައްވާނޭ ކަން ވެސް މިނިސްޓްރީ ވަނީ އާންމުކޯށްފައެވެ.
ކުށެއް ނުކުރާ ކުޑަ ދެ އަންހެން ކުދިން ނިޒާމުން ގެއްލުވާލާ ހުރިހާ ބާވަތެއްގެ ކުށްވެރިންނާއި އެކު މާފުށީ ޖަލުގައި ހައްޔަރުކޮށް ގެންގުޅެފައި ވަނީ ކަނޑައެޅިގެން ރާއްޖޭގެ ޤާނޫން އަސާސީއާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ޚިލާފަށް ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުންނާއި ޤާނޫނީ މާހިރުން އެއްބަސްވެ ވަޑައިގަންނަވައެވެ. މި ހުރިހާކަމެއް ހިނގަމުން ދާއިރުވެސް ސަރުކާރުގެ އެހެނިހެން ކަމާއިބެހޭ ފަރާތްތަކުން ވަނީ އެކަމުގެ ހަޤީގަތް ހާމަނުކޮށް ހަނުހުރުން އިޚްތިޔާރުކޮށްފައެވެ.