މީގެ ފަހުން ކޮންމެ ރެޔަކުވެސް އުސްފަސްގަނޑު ސަރަޙައްދުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތްތައް ކުރިއަށް ދާނޭކަމަށް އެޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އުސްފަސްގަނޑުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މިހާރު ކުރިއަށްގެންދާ އުސްފަސްގަނޑު ގަދަކަމުން އަތުލަން އުޅެފިނަމަ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ. އަދި ހެދިގޮނޑުދޮށް ސަރަހައްދު މިސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ދީފައިވާއިރު އުސްފަސްގަނޑުގައި އެމްޑީޕީއަށްވެސް ތިބެވެން ޖެހޭނެކަމުގައި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީއަށް މާލޭ ސިޓިކައުންސިލުން އުސްފަސްގަނޑު ދޫކުރި ދުވަހުން ފެށިގެން ހައުސިން މިނިސްޓްރީން އަންނަނީ އުސްފަސްގަނޑު ސިޓީކައުންސިލްގެ ދަށުން ނެގުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އުސްފަސްގަނޑު ހޯދުމަށް ހައުސިން މިނިސްޓްރީން ވަނީ މާލޭ ސިޓީކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ވެސް ކޮށްފައެވެ.
އެމްޑީޕީން މިހާރު ވަނީ އަންނަ ރިޔާސީ އިންތިޙާބު ނިމުމާއި ހަމައަށް އުސްފަސްގަނޑު ލިބޭނޭ ގޮތް ހައްދަވައި ދެއްވުމަށް ސިޓީ ކައުންސިލްގައި އެދިފައެވެ.