ޝައިޙު އަބޫބަކުރު އަވަހާރަވެއްޖެ

ރާއްޖޭގައި އިސްލާމީ ތަޢުހީދުގެ އަލިކޮޅު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އަމިއްލަ ފުޅު ބުރަ މަސައްކަތުން ކީރިތި ޤުރްއާންގެ ދިވެހި ބަހުގެ ތަރުޖަމާއާ ތަފްސީރު ލިޔުއްވާފައިވާ މަޝްހޫރު ޢިލްމުވެރިޔާ ޝައިޙް އަބޫބަކުރު އިބްރާހީމް (ބަކުރުބެ) ރޭ ފަތިހު އަވަހާރަވެއްޖެއެވެ.

އިސްލާމިކް ޔުނިވަސިޓީން ދީނީ ތައުލީމު އުނގެނިވަޑައިގެންފައިވާ ބަކުރުބެ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ބަކުރުބެ ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު މަހެއްހާ ދުވަސް ވެދާނޭކަމަށް އައި.އެފް.އެމްއިން ބުނެއެވެ.

އައި.އެމް.އެފްއިން މަޢުލޫމާތުދެއްވި ބޭފުޅަކު ވިދާޅުވީ، ޅ. ހިންނަވަރަށް އުފަން ބަކުރުބެއަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާކަމަށެވެ. އަދި އެކަމުގެ ދަލީލަކީ ކީރިތި ޤުރްޢާންގެ ތަފްސީރު ދިވެހި ބަހުން ލިޔުއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަތުމެވެ. ބަކުރުބެ ލިޔުއްވާފައިވާ ޤުރްއާން ތަފްސީރް ޗާޕް ކުރުމަށް މިހާރު ސަޢުދީ އަރަބިއްޔާއަށް ފޮނުވާފައިވާކަމަށް ވެސް އެފަރާތުން ވިދާޅުވިއެވެ.

ޝައިހު ބަކުރުބެ އަވަހާރަވިއިރު ހަތް ބޭފުޅަކާއި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ބަކުރުބެގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.