– އެމްޑީޕީގެ ވެރިކަމެއްގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 4500 ރުފިޔާ ކަނޑައަޅާނަން
ބަޤާވާތަށް ފަހު ރާއްޖޭގެ ޙާލަތު ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށާއި، ރާއްޖޭގައި ރިޔާސީ އިންތިޙާބް ބޭއްވުމުގެ ކުރިން މި ޙާލަތު ބަދަލުކުރަން ޖެހޭކަމަށް ދިވެހިރާއްޖޭގެ އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
“އެމްޑީޕީގެ ކާމިޔާބު އަހަރު 2013″ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން އެދޭ މިންވަރަށް ރާއްޖޭގެ ކަންކަން ބަދަލުކުރުމަކީ ނުރައްކާތެރިކަމެއް ކަން އެނގިވަޑައިގެންފި ކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި އަނިޔާވެރިކަމާއި ބޭއިންސާފާއި ބޭވަފާތެރިކަން ބަދަލުކުރަން އުޅުމަކީ އެކަންކުރަން އުޅޭ ބަޔަކަށް ނުހަނު ބިރުވެރިކަމެއް ކަން އަބަދުވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީ ނުކުތީ ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމަށް ކަމަށް ވާތީ، އެކަމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ހޯދި ކުރިން އެރުންތައް މި ސަރުކާރު ވެރިކަމަށް އައި ފަހުން މުޅިން ނެތި ހިނގައްޖެ ކަމަށެވެ.
“ބަޣާވާތުގެ ކުރީގައި ސްކޫލުތަކުގައި ފޮތް ފަންސޫރު ހުންނާނެ. ބަޣާވާތުގެ ކުރީގައި ސްކޫލުތަކުގެ ފާހާނާތައް ރަނގަޅުވާނެ. އެތައް ސަތޭކަ ސްކޫލެއް އައީ އެއް ދަންފަޅި އަށް ބަދަލު ކުރަމުން. ބަޣާވާތުގެ ކުރިން ކުޑަކުދިން ކިރާނެ. އެކަމަކު ބަޣާވާތުގެ ފަހުން ކުޑަކުދިންނެއް ނުކިރާ. ހޮސްޕިޓަލުތަކުގައި ބޭހެއް ނެތް. ރަށްރަށުގައި ކަރަންޓެއް ނެތް. ރައްޔިތުން ތިބީ އަނެއްކާ ވެސް ރަށު ބަންދުގައި. ބަޣާވާތުގެ ފަހުން ރާއްޖެ މި ދަނީ އަނދަވަޅަކަށް ވެއްޓެމުން. އެހެންވެ، މި ބަޣާވާތުން ނެއްޓުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށްޓަކައި ކޮށްދޭނެ މައިގަނޑު 3 ކަމެއް އިޢުލާން ކުރައްވާފައެވެ. އެގޮތުން މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 4،500ރ. ދޭނެ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާ ނުލިބޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ނިދާނީ އެ މީހުންގެ އަނބިދަރިން ކައިރީގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.