މިއީ އެމްޑީޕީގެ ކާމިޔާބުގެ އަހަރު – ޗެއާޕަރސަން

bodujalsaa1612013 (18)

– ރިޔާސީ އިންތިޙާބް އަވަހަށް ފަށައިގަތުމަށް ގޮވާލަން
– މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ތިބި ގޮޑިތައް ޕްރައިމަރީއަކާއި ނުލައި އެ މެމްބަރަކަށް އެންޑޯސްކޮށްދެއްވުމަށް ޤައުމީ މަޖިލީހުގައި ވަކާލާތުކުރާނަން.

މާތްﷲ ގެ އިރާދަފުޅުން 2013 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ފާހަގަކުރަނީ ކާމިޔާބުގެ އަހަރުގެ ގޮތުގައި ކަމަށް އެ ޕާޓީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ އެ ޕާޓީން ކާނިވާ ސަރަހައްދުގައި ބޭއްވެވި “ޚާއްސަ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ، 2008 ވަނަ އަހަރަށް ވުރެން ފޮނި ކާމިޔާބުތަކެއް މިއަހަރު ބޭއްވޭ އިންތިޙާބްތަކުގައި އެމްޑީޕީން ހޯއްދަވާނޭ ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި، ޕާޓީއަށް ތާޢީދުކުރާ ހުރިހާ ފަރާތްތަކަކުން ހިތްވަރާއި އެކު އަތުކުރި އޮޅާލުމަށްވެސް މޫސަ ވަނީ ރޭގެ ޖަލްސާގައި ގޮވާލައްވާފައެވެ.
ރޭގެ ޖަލްސާގައި ރީކޯ މޫސާ ވަނީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބް ކާމިޔާބު ކުރެއްވުމަށް ރިޔާސީ ކެނޑިޑޭޓާ އެކު އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުން އިޢުލާން ކުރައްވާފައެވެ. މޫސަ ވިދާޅުވީ، ކެމްޕެއިން ފަށައިގަތުމަށް ރިޔާސީ ކެނޑިޑޭޓް އިންނެވީ ތައްޔާރަށް ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި ނުލާ ބާއްވާ އިންތިޚާބެއްގެ ވޯޓު ފޮށި ނަގަން ޖެހޭނީ މޫދުން ކަމަށެވެ.

މީގެ އިތުރުން މޫސަ ވަނީ 2014 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިހާރުން ފެށިގެން އެކަމަށް މަސައްކަތް ފެއްޓެވުމަށް ގޮވާލައްވާފައެވެ. އެހެން ނަމަވެސް މިހާރު އެމްޑީޕީގެ މެމްބަރުން ތިބި ގޮޑިތައް ޕްރައިމަރީއަކާއި ނުލައި އެ މެމްބަރަކަށް އެންޑޯސްކޮށްދެއްވުމަށް ޤައުމީ މަޖިލީހުގައި ވަކާލާތުކުރައްވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.

“އެބޭފުޅުން ވަނީ އެމްޑީޕީއަށްޓަކައި އެތައް ޤުރުބާނީއެއް ވެފައި. ސިޔާސީ މައިދާނުގައި މި ޕާޓީއަށް މިހާ ހިސާބަށް މި އާދެވުނީ، ޕާލިމެންޓްރީ ގްރޫޕް ނުރޫޅި ޕާޓީއަށްޓަކައި އޮތޮމުން. އެހެން ކަމުން އަޅުގަނޑު އެބޭފުޅުންނަށް ޕްރައިމަރިއަކާއި ނުލައި ގޮނޑި އެންޑޯސްކޮށްދެއްވުމަށް އަޅުގަނޑު ޤައުމީ މަޖިލީހުގައި އެދޭނަން.” މޫސަ ވިދާޅުވިއެވެ.

މޫސާ ވަނީ އެހެން ޕާޓީތަކުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ޕްރައިމަރީއަށް އިޢުލާންކުރެއްވުމުގެ ކުރިން އެމްޑީޕީއާ ގުޅި ވަޑައިގަތުމަށް ގޮވާލައްވާފައެވެ. މޫސާ ވިދާޅުވީ، މިހާރު އިނދިކޮޅު މެމްބަރުން ތިއްބެވި ބައެއް ގޮނޑިތަކަކި އެމްޑީޕީގެ ގޮނޑިތަކެއް ކަން ކަށަވަރުވެފައިވާ ކަމަށާއި، ރަގަޅުގޮތަކީ ގޮނޑި ގެއްލުމުގެ ކުރިން އެމްޑީޕީއާ ގުޅިވަޑައިގެންނެވުން ކަމަށެވެ.