ރައީސް ނަޝީދު އިސްތިޢުފާދެއްވީ މަޖުބޫރީ ޚާލަތެއްގައި – މޫސާ އަލީ ޖަލީލް

bodujalsaa1612013 (22)

– ޖުމްހޫރީ މައިދާނުގައި ފުލުހުންވެސް ތިބީ ބަޤާވާތްކޮށްގެން – އަޙުމަދު ފަސީޙު
– ފެބްރުއަރީ 7 ގައި ހިންގި އަމަލަށް އިލްމީ ގޮތުން ބަލާއިރު ބަޣާވާތުގެ ހުރިހާ ސިފައެއް ހުރި – ނިލާމް

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ފެބްރުއަރީ 7 ވަނަ ދުވަހު އިސްތިޢުފާދެއްވަން ޖެހިވަޑައިގެންނެވީ މަޖުބުރީ ޙާލަތެއްގައި ކަމަށް އޭރުގެ ޗީފް އޮސް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ރިޑަރޔަޑް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ އަށް ދެއްވި ބަޔާނުގައި، މޫސާ އަލީ ޖަލިލް ވިދާޅުވީ، އެދުވަހު ސިފައިންގެ ބޭރާއި އެތެރޭގެ ޚާލަތު ހުރިގޮތުން އިސްތިޢުފާދެއްވުން ނޫން އިތުރު އެއްވެސް ގޮތެއް ރައީސް ނަޝީދަށް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޤައުމާއި ސަރުކާރު ޙިމާޔަތްކޮށް ދަމަހައްޓަން ޖެހޭ ސަލާމަތީ ބާރުތަކުން ޖުމްހޫރީ މައިދާނަށް ނުކުމެ އިސްތިޢުފާއަށް ގޮވުމުން ވެރިމީހާގެ ބާރެއް އަދި ސަލާމަތެއް ނެތްކަން އެގިވަޑައިގަންނަވާނެ ކަމަށެވެ.

ޕޮލިސް ކަމިޝަނަރގެ މަޤާމްގައި ހުންނެވި އަޙުމަދު ފަސީޙު ކޮމެޓީއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، އަމުރަށް ނުކިޔަމަންތެރިވި ފުލުހުން އަމިއްލައަށް، އެބަޔަކަށް ފެންނަ ގޮތަކަށް އުޅެން ފެށުމުން އެމީހުން އެތިބީ ބަޤާވަތެއްކޮށްގެންނޭ ރައީސް ނަޝީދަށް ވެސް އެވަގުތުގައި ދެންނެވި ކަމަށެވެ. ފަސީހު އިތުރަށް ވިދާޅުވީ، އެއްވެސް ޝަރުތެއް ނެތި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން ނަޝީދު އިސްތިޢުފާދެއްވުމަށް މިހާރުގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް އެންގެވި ކަމަށެވެ.

އެމްއެންޑީއެފްގެ އިންޓެލިޖެންސް ބައިގެ ވެރިޔަކަށް ކުރިން ހުންނެވި މުހައްމަދު ނިލާމް ވިދާޅުވީ، މިހާރުގެ ޑިފެންސް މިނިސްޓަރ ނާޒިމާ އެކު ދެއްކެވި ވާހަކައެއްގައި، ފެބްރުއަރީ 7 ގައި ހިންގި އަމަލަށް އިލްމީ ގޮތުން ބަލާއިރު ބަޣާވާތުގެ ހުރިހާ ސިފައެއް ހުރި ކަމަށް ދެންނެވި ކަމަށެވެ. އެގޮތުން ބަޣާވާތެއް ހިނގުމުގެ ކުރިން ފެންނަ ކަންތައްތަކާއި ބަޣާވާތުގެ ތެރޭގައި ފެންނަ ކަންތައްތައް އަދި އޭގެ ފަހުގެ ކަންކަމުގައި ވެސް އެ ހުރިހާ ސިފައެއް އެބަ އެކުލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.