ސްރީ ސްރީ ރަވީ ޝަންކަރު އާއި ޑރ. މުޙައްމަދު ވަޙީދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

މުޅި ދުނިޔޭގައި އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ، އަދި އިންޑިޔާގެ ރައްޔިތުން އިލާހެއްކަމުގައި ދެކިގެން އުޅޭ ސްރީ ސްރީ ރަވީ ޝަންކަރު، ވެރިކަމަށް އަރާ ހުންނެވި ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ދަޢުވަތަކަށް ދައުލަތުގެ ޚަރަދުގައި ރާއްޖެ ގެނެސް ދެއްކެވި ވާހަކަތައް ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮފީހަށް ލިބިއްޖެއެވެ.

ހާހަކަށް ވުރެން ގިނަ މީހުން ސޮއިކޮށް ހުށަހެޅި މި ޕެޓިޝަންގައި ވަނީ، މުޅި ދުނިޔޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ޢައިރު ދީން ފެތުރުމަށް މަސައްކަތް ކުރާ މީހެއް ރާއްޖެ ގެނެސް، ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދު ކޮށްގެން ދައުލަތުގެ އެންމެ މަތީ ގަނޑުވަރުގައި ޖާފަތެއް ބާއްވައިވާކަމީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 10 ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ލިޔެފައި ވީހިނދު، ރައީސްކަމަށް އަރާ ހުންނެވި ވަހީދުގެ އެ އަމަލާއި މެދު ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ވަހީދުގެ މި ޢަމަލަކީ އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ދިވެހި މުޅި ޤައުމު ލަދުވެތިވާންޖެހިފައިވާ ޢަމަލެއް ކަމަށާއި އެކަމާއި ހިތާމަކުރާކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ. ވަޙީދު މިގޮތަށް ޢަމަލު ކުރައްވާފައިވާއިރު، ވަހީދުގެ ދަރިއެއް ދީނުންބޭރުވެ ވާހަކަދައްކާފައިވާ ވީޑިއޯއެއް ވަނީ “ޔޫޓިއުބް”ގައި ލީކްކޮށްލާފައެވެ.