ނޫސްބަޔާން: ސަރަޙައްދީ ތަޢުލީމީ ޔުނިޓްތައް އުވާލުމާއި ގުޅޭގޮތުން އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމެޓީން ނެރޭ ޕްރެސް ރިލީޒް

noosbayan

ނަންބަރު:MDP-2013-PR-03
ތާރީޚް: 10 ޖެނުއަރީ 2013 (ބުރާސްފަތި)

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ރާއްޖޭގެ 7 ސަރަހައްދެއްގައި އުފެއްދި ތަޢުލީމީ ޔުނިޓްތައް މިހާރުގެ ސަރުކާރުން އުވައިލައްވައި ދުވަހުން ދުވަހަށް ސްކޫލްތައް ހިންގުން އަނބުރާ މިނިސްޓްރީގެ ތެރެއަށް ގެންނަވައިފިއެވެ
އެމްޑީޕީ ސަރުކާރުން އަތޮޅުތަކުގައި ތަޢުލީމީ ޔުނިޓްތައް ޤާއިމުކުރީ ތަޢުލީމީ ހިންގުން ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއި އަދި ޢާންމުކޮށް ސްކޫލްތަކާ ވީހާވެސް ކައިރިކުރުމަށެވެ. މީހުންނާ ގާތުން އަވަހަށް ޚިދުމަތްތައް ދިނުމަށެވެ. ދެވޭ ޚިދުމަތްތައް ކައިރިން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްވާނެގޮތް ހެދުމަށެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަގުތާއި ވިސްނުމާއި ހަކަތަ ތަޢުލީމީ ސިޔާސަތުތައް އެކުލެވުމަށާއި، ތަޢުލީމީ މަންހަޖު ތައްޔާރުކުރުމަށާއި، ތަޢުލީމީ ފެންވަރު ރަނގަޅުވާނެ ގޮތެއްގައި ސްކޫލްތައް ހިނގާކަން ކަށަވަރު ކުރުމަށް ފޯކަސް ކުރުމަށެވެ. ވޭތުވެދިޔަ 3 އަހަރުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ނަތީޖާއަށް އައި ބަދަލުގައި މިޔުނިޓްތަކުގެ ޙިއްސާ ވަރަށް ބޮޑުކަން ފާހަގަކުވެއެވެ.

ލާމަރުކަޒީ އުޞޫލުން ކަންކަން ހިނގުމުގެ ސިޔާސަތުގެ ދަށުން އުފައްދާފައިވާ ތަޢުލީމީ ޔުނިޓްތަކުގެ ހިންގުން ހަރުދަނާކޮށް ފުޅާކުރުމުގެ ބަދަލުގައި އެ ޔުނިޓްތައް އުވާލުން އެއީ އެއްވެސް ހާލެއްގައި ތަޢުލީމީ ރަނގަޅު ސިޔާސަތެއްގެ ދަށުން ނިންމި ނިންމުމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ. ގަބޫލުކުރެވެނީ އެއީ ތަޢުލީމީ ޙަރަކާތުގެ ތެރޭގައި އޮންނަ ހުރިހާ ބާރެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތެރެއަށް އަތްމައްޗަށް ގެނައުމަށްޓަކައި ނިންމި ސިޔާސީ ނިންމުމެއްކަމަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ތައުލީމީ ކަންކަން ހިންގަމުން ގެންދަނީ ލާމަރުކަޒީ އުސޫލުން ކަމަށް ވާއިރު އަދި ރާއްޖޭގެ ތައުލީމަށް ކުރިއެރުން އަންނަމުންދާ ދަނޑިވަޅެއްގައި އެއްވެސް ދިރާސާއެއް ކުރުމެއްނެތި މިޔުނިޓްތައް އުވާލުމަކީ ކުރިމަގުގައި ހެޔޮ ނަތީޖާ ލިބޭނެ ކަމެއް ކަމަކަށް ނުފެނެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް