ރައީސް ނަޝީދު ޤައުމީ ދުވަހުގެ ތަހުނިޔާ ދެންނެވުން

BVD - Ha. Uligamu (15)

“ޤައުމީ ދުވަސް ފާހަގަ ކުރާން ފެށިތާ 70 އަހަރުގެ މުނާސަބަތުގައ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން. މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެން މިދަނީ މުޅިން އެހެން ޤައުމިއްޔަތެއް ބިނާކުރަމުން. ދިވެހި ޤައުމިއްޔަތާއި ރައްޔިތުންނަށް އެޤައުމިއްޔަތުން މަންފާއާއި ފައިދާ ލިބޭ ގޮތްތައް ދެނެގަންނަމުން. ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް ރައްޔިތުންގެ މެދުގައި އެއްގޮތްވާ ވަކި ޚާއްސަ ކަންކަން ހުންނަން ޖެހޭ. އެކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަހާއި، އާދަކާދަތަކާއި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް ލާމެހިފައިވާ ދުނިޔެއެއްގައި ދިވެހިރާއްޖެ ބައިވެރިވެވޭ ކަންކަން ކަމުގައި ވާންޖެހޭ.

މިނިވަންކަން ދެމެހެއްޓި ޤައުމިއްޔަތަކީ ރައްޔިތުންނަށް އެކަމުން ފައިދާއާއި ތަރައްޤީ ލިއްބައިދޭ ސިފަތަކެއް ކަމުގައި ވާންޖެހޭ. ވެރިކަމުގެ ހަގީގީ ބާރަކީ އޯގާތެރިކަމާއި ނިޔަނެތިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުން. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ތާހިރު ދިރިއުޅުން ހޯދައިދޭނެ އުފެއްދުންތެރި އިޤްތިޞާދީ ނިޒާމެއް ބިނާކުރުން.

މި ނިޒާމުގެ ބެލެނިވެރިންނަކީ މިއަދު ދިވެހި ރައްޔިތުން. ގާނޫނީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރުގެ ތެރެއަށް ސަލާމަތީ ބާރުތަކުން ގަދަކަމުން ވަދެ، ގައުމުގެ ތަރައްޤީއަށް ބުރޫއެރުވުމާހެދި، އިހުގެ ސިޔާސީ އާދަތައް މިއަދު މިދަނީ ގިނަވަމުން. މިހިނދު އަޅުގަނޑުމެންގެ ޅަފަތުގެ ސިޔާސީ ނިޒާމުގައި ބިނާކުރަމުން އައި ޤައުމިއްޔަތުގެ އާ ވިސްނުން، މިވަނީ ބިރުވެރިކަމާއި ނިކަމެތި ކަމުގެ ތެރޭގައި. އެހެން ނަމަވެސް ޒަމާނުއްސުރެ ވެރިކަން ކުރަމުން އައިގޮތަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި. ދިވެހިންގެ އާ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އައްޑަނައަކީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީ. އިންސާނީ ހައްޤާއި ޑިމޮކްރަސީ އަދި ފަރުދުންގެ މިނިވަންކަމަކީ މި ޤަނޫނު އަސާސީގެ އެންމެ އަސާސީ ތަރަހަތައް ކަމުގައި ވީހިނދު، މިކަންކަން ހެޔޮ ގޮތުގައި، ހެޔޮ ނިޔަތުގައި ކުރެވެން އަންނަނީ، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ޤާނޫނުގެ ޙުކުމް ނެގެހެއްޓޭނެ ގޮތުގެމަތިން އިންތިޒާމުކުރެވިގެންވާ ސަލާމަތީ ބާރެއް ދިވެހި ޤައުމިއްޔަތު ދިފާޢުކުރުމަށް އޮވެގެން.”