ސިޔާސީ ހަރަކާތްތައް ފެށުމަށް ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާ ބުދަ ދުވަހުގެ ރޭ

jalsa16jan2

ހަތެއް ފެބްއަރީގައި ސަރުކާރު ބަދަލުވި ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ މައްސަލާގައި، މަޖިލީހުގެ ކޮމެޓީއަށް ޖާގަ ދިނުމުގެ ގޮތުން ފަސްކުރެވުނު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޚާއްސަ ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ހުރިހާ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާއަކީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރަކީ އެމްޑީޕީއަށް ކަމިޔާބު އަހަރުތަކަކަށް ހެދުމަށް، ސިޔާސީ ޚަރަކާތްތައް ރަސްމީކޮށް ފެއްޓުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާއެއް ކަމަށް ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި ރިޔާސީ އިންތިޚާބްގެ ކެމްޕެއިންއާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގެ ކެމްޕެއިންގެ އިތުރުން މެމްބަރޝިޕް އިތުރު ކުރުމަށް ޚާއްސަ ހަރަކާތްތަކެއް އާރޫހެއްގައި ފަށާނޭކަމަށް ރީކޯ މޫސަ މީގެ ކުރިން އެމްޑީޕީ ވެބް ސައިޓަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވެއެވެ.
ބުދަ ދުވަހުގެ 21:00 ގައި ކާނިވަލު ސަރަޙައްދުގައި އޮންނަ ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށާއި ހެޔޮއެދި ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އަރުވާފައެވެ.