ވިލި މާފަންނު ދާއިރާގެ ރައީސް ކަމަށް މުޙައްމަދު އިބްރާހިމް މަނިކު

vilimaafannu 2013

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވިލި މާފަންނު ދާއިރާގެ ރައީސްކަމަށް މއ. ނާރިނގުގެ، މުޙައްމަދު އިބްރާހިމް މަނިކު އިންތިޙާބްވެ ވަޑައިގެންފިއެވެ.

މުޙައްމަދު އިބްރާހިމް އެމަޤާމަށް އިންތިޚާބްވެ ވަޑައިގަތީ މިއަދު ބޭއްވުނު އެ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. މިއަދު ބޭއްވުނު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަނިކަށް ލިބިވަޑައިގެންނެވީ 56 ވޯޓެވެ. އެންމެ ކައިރިން ވާދަކުރެއްވި މއ.ހަތާ، އަހުމަދު ޚަލީލު 27 ވޯޓު ލިބިވަޑައިގެންނެވި އިރު މ. އަލިމަސްވާދީ، އަބުދުލް މަޖީދު ޝަމީމަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. އަދި ދަފްތަރު 3699، އަޙްމަދު ފާއިޒަށް ލިބިވަޑައިގެންނެވީ 1 ވޯޓެވެ.

މި ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމް 59 ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރެއްވީ ވ. ދަރެސް، ފާތިމަތު ޔުމްނާއެވެ. އޭނާއާ ވާދަކުރެއްވި ވ. ނަސްރު އުފާ، ހަމްނާ ވަހީދު އަށް ލިބިވަޑައިގެންނެވީ 38 ވޯޓެވެ.

ސެކެޓްރީކަމަށް ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓް ވ. ވެރޯނިކާ، ހަސަން ނަބާޙުއަށް ފެނިވަޑައިގަންނަވާކަމަށް 87 ވޯޓު ލިބިވަޑައިގެންނެވި އިރު ނުފެންނަކަމަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ.

ޕާޓީގެ ސެކްރެޓޭރިއޭޓުން މަޢުލޫމާތުދެއްވިގޮތުގައި މި އިންތިޚާބްގެ ރަސްމީ ނަތީޖާ އަންނަ ހަފްތާތެރޭގައި އިޢުލާންކުރެވޭނެއެވެ.