ތ. ވޭމަންޑޫ ރައްޔިތުން ވެސް އިޙްތިޖާޖް ކުރަން ފަށައިފި

ތ. އަތޮލު ހޮސްޕިޓަލްގައި ހުރި ހަމަ އެކަނި ޑޮކްޓަރު، ލ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރުމަށް ބަޤާވާތުގެ ސަރުކާރުން ނިންމާފައިވާތީ އެކަމާއި ދެކޮޅަށް ތ. ވޭމަންޑޫ ރައްޔިތުން ނުކުމެ ނުރުހުން ފާޅުކޮށް އިޙުތިޖާޖް ކުރަން ފަށައިފިއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެރަށުގައި މިހާރު ވެސް ހުރި ޑޮކްޓަރަކީ ހޭނައްތާ ޑޮކްޓަރެއް ކަމަށާއި، އެ ޑޮކްޓަރު ލ. އަތޮޅު ހޮސްޕޮޓަލަށް ބަދަލުކޮށްފި ނަމަ މުޅި ތ. އަތޮޅު ހާލުގައި ޖެހިގެންދާނޭ ކަމަށެވެ. އޭނާ ބުނީ އެރަށުގައި ގައިނީ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ނެތްތާ މިހާރު އަހަރެއްހާ ދުވަސް ވެދާނޭކަމަށެވެ.

” ތ. އަތޮޅު ހޮސްޕިޓަލްގެ ލޯންޗް އޮކީ ހަލާކުވެފައި. އެމްބިއުލަންސް އޮތީ ހަލާކުވެފައި. ހުރީ ހަމައެކަނި ހޭނައްތާ ޑޮކްޓަރެއް. އޭނަ ހުރިހާ ކަމެއް ވެސް ކުރަނީ. އާންމު ބަލި ވިޔަސް، ކަށީގެ ބައްޔެ ވިޔަސް، އެހެން ކަމެއް ވިޔަސް ފަރުވާ ދެނީ އޭނަ. ވަރަށް ރަނގަޅު ޑޮކްޓަރެއް އެއި. އެކަމަކު ވަހީދު ލ. އަތޮޅަށް ވަޑައިގަންނަވާތީ އެތާ ހޮސްޕިޓަލަށް އެންމެން ހަމަކުރަން ޖަމްޝީދު މަސައްކަތް ކުރައްވަނީ މި ޑޮކްޓަރު އެތަނަށް ގެންދަން. އަޅުގަނޑުމެން އެހެން އެކަންތައް ވިޔަ ނުދޭނަން. ކުރިމަތި ލުމަކަށް ދާން ޖެހިއްޖެޔާ އެކަން ވެސް އަޅުގަނޑުމެން ކުރާނަން.”

އޭނާ ބުނީ ލ. އަތޮޅު ފެރީ ގިނަ ދުވަހު ހުއްޓިފައި އޮތުމުގެ ސަބަބުން ބޮޑުކަމެއް ދިމާވެއްޖެޔާ މާލެ ދާން 30،000 ރުފިޔާ ޚަރަދު ކުރަން ޖެހޭކަމަށެވެ. އަދި ލ. އަތޮޅަށް ދިޔަކަމުގައި ވިޔަސް 5000 ވަރު ޚަރަދުވާކަމަށެވެ.

ތ. އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 16،000 ރައްޔިތުންނެވެ.