ކޯނީގެ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ ކޮމިޓީގައި ހިނގަމުންދާ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުން އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިރޭ ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާ މުއްދަތެއް ނެތި ފަސްކޮށްފިއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ، މިރޭ ބޭއްވުމަށް ނިންމި ޖަލްސާ ފަސްކުރަން ޖެހުނީ ހަތެއް ފެބްއަރީގައި ސަރުކާރު ބަދަލުވި ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ މައްސަލާގައި، މަޖިލީހުގެ ކޮމެޓީއަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. މޫސަ އިތުރަށް ވިދާޅުވީ، 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ކާމިޔާބު އަހަރަކަށް ހެދުމަށް، ސިޔާސީ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވަން އުޅުނު ޖަލްސާ ނުބޭއްވި ލަސްވި ނަމަވެސް ޕާޓީގެ ހަރަކާތްތައް އަވަސް މުސްތަޤްބަލެއްގައި ފެށިގެން ދާނެކަމަށެވެ. އަދި މި ޖަލްސާ ބޭއްވުގެން ދާނީ، އިންތިޒާރުގައި ތިއްބެވި ފަރާތްތަކުން އުންމީދު ކުރާވަރުގެ ޖަލްސާއެއްގެ ގޮތުގައި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުވިގޮތާއި ގުޅޭ މައްސަލަ ބަލަމުންދާ ކޮމެޓީގައި ޕާޓީގެ މެމްބަރުން ދަނީ ރެޔާއި ދުވާލު އަވަދިނެތި މަސައްކަތްކުރައްވަމުންނެވެ.