ނޫސްބަޔާން: ސްކޫލްތައް އެއްދަންފަޅިއަށް ހިންގުމާއިމެދު އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމެޓީން ނެރޭ ޕްރެސް ރިލީޒް

noosbayan

ނަންބަރު:MDP-2013-PR-02
ތާރީޚް: 09 ޖެނުއަރީ 2013 (ބުދަ)

ސްކޫލްތައް އެއްދަންފަޅިއަށް ހިންގުމާއިމެދު އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމެޓީން ނެރޭ ޕްރެސް ރިލީޒް

ދިވެހިރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިޔަށް ބަދަލުކުރުމަކީ އެހާ މުހިންމުކަމެއް ނޫންކަމަށް ދޭހަވާގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިޔަކު ހާމަކުރައްވައިފިއެވެ. މިއީ އެމްޑީޕީ ވަރަށް ކަންބޮޑުވާކަމެކެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ސްކޫލް ކުދިންނާއި ބެލެނިވެރިންވެސް ވަރަށް ކަންބޮޑުވާނެ ކަމެއްކަމަށް ފެނެއެވެ. ޒިންމާދާރުގޮތެއްގައި ސްކޫލް ހިންގުމަށާއި ކިޔަވައިދިނުމުގެ ޚިދުމަތުގައި މަސައްކަތްކުރާ އެންމެންވެސް މިކަމާ ކަންބޮޑުވާނެއެވެ. އެހެނީ، ކިޔަވައިދިނުމާއި ކަސްރަތާއި ކުޅިވެރުގެ ހަރަކާތްތައް ހިންގުމާއި، ދީނީ އަދަބީ އިޖުތިމާޢީ ކަންކަމުގައި ކުދިން ބައިވެރިކުރުމާއި މަސައްކަތުގެ ތަފާތު ހުނަރުތައް ދަސްކޮށް ދެވޭނީ ސްކޫލެއްގައި އެއްދަންފަޅިއެއްގައި ކިޔަވައިދެވޭ ޢަދަދަށް އެ ސްކޫލެއްގައި ކުދިން ތިބެގެން ކަން ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ.

ދިވެހިރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިޔަކަށް ހިނގުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްޓްރެޓިކް ޕާޓީން ވަރަށް އިސްކަންދީގެން ހިންގަމުންގެންދިޔަ ތަޢުލީމީ ޕްރޮގްރާމެކެވެ. އޭގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ދެވޭ ތަޢުލީމަކީ ވަށައިޖެހޭ ތަޢުލީމަކަށް ހަދައި ރާއްޖޭގެ ސްކޫލްތަކުން ނިމޭ ކުދިންނަކީ ޢިލްމުގެ އިތުރުން ބޭނުންތެރި ހުނަރުތަކާއި ދިވެހިން އަގުކުރާ އާދަކާދަތަކާއި ސަޤާފަތުގެ ސިފަތައް ލިބިދެވިފައިވާ ބަޔަކަށް ހެދުމެވެ.

ސްކޫލްތައް އެއްދަންފަޅިޔަށް ހިންގުމުގެ ޕްރޮގްރާމަކީ ހަމައެކަނި ސްކޫލްތަކުގައި ކްލާސްރޫމުތައް އިތުރުކުރުމެއްނޫނެވެ. އެ ޕްރޮގްރާމުގައި، ކިޔަވައިދިނުން އެއް ދަންފަޅިޔަކަށް ބަދަލުކުރުމަށް ބޭނުންވާނޭ ޢިމާރާތްތަކާއި އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ވަށައިޖެހޭ ގޮތެއްގައި ދެވޭ ތަޢުލީމަކަށް ރާއްޖޭގެ ތަޢުލީމު ބަދަލުކުރުމަށްޓަކައި ބޭނުންވާ ޒަމާނީ މަންހަޖް އެކުލަވާލުމާއި ވަޒީފާގައި ތިބި ޓީޗަރުންނާއި ހިންގުންތެރިންނަށް އިތުރު ތަމްރީން ދިނުމާޢި ވަށައިޖެހޭ ތަޢުލީމެއް މިންކޮށް ވަޒަންކޮށް ބަލާނެ މިންގަނޑުތަކެއް އެކުލަވާލައި އެއަށް ޓީޗަރުން އަހުލުވެރިކުރުމާއި ސްކޫލްގެ ކަންކަމުގައި ބެލެނިވެރިންގެ ދައުރު ފުޅާކުރުމަށްޓަކައި ސްކޫލް ބޯޑުތައް އުފައްދައި ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

މިގޮތުން، އެމްޑީޕީ ސަރުކާރުގެ 3 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިޔަށް ބަދަލުކުރެވުނެވެ. ވަޒީފާގައި ތިބި ގިނަ އަދަދެއްގެ ޓީޗަރުންނަށް އިތުރު ތަމްރީނު ދެވުނެވެ. 60 ޕްރިންސިޕަލުން ތަމްރީނުކުރެވުނެވެ. ސްކޫލްތަކުގައި ދެވޭ ތަޢުލީމާއި ހިންގުން މިންކުރާނެ މިންގަނޑުތަކެއް އެކުލަވައިލެވުނެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސްކޫލް ބޯޑުތައް ގާއިމުކޮށް ސްކޫލް ކަންކަމުގައި ބައިވެރިވެ ބަސް ބުނުމުގެ ފުރުޞަތު ބެލެނިވެރިންނަށް ދެވުނެވެ. މީގެ އިތުރުން ޒަމާނަށް ފެތޭ މަންހަޖެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ.

މުޅި ދުނިޔެ ގަބޫލުކުރާ ތަޢުލީމީ ކަންކަމަކީ ދިވެހިރާއްޖެއަށް އެހާ ބޭނުންތެރި ކަންކަން ނޫންކަމަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެފަދަ ކަންކަމަށް ތަރުޙީބު ދެއްވައި އެކަންކަން ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ފަރާތުން މިހާރުގެ ތަޢުލީމީ ދާއިރާގެ ހިންގުންތެރީންނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް