އިހުތިޖާޖަށް ސަރުކާރުން އިޖާބަނުދެނީސް ސްކޫލްތަކުގެ ކިޔެވުމެއް ވެސް ނުފެށޭނެ – މާފަރު ރައްޔިތުން

ނ. މާފަރުގައި އަޅަން ހަމަޖެހިފައިވާ އެއަރ ޕޯޓްގެ ޢަމަލީ މަސައްކަތް ފެށޭނޭ ތާރީޚެއް ހޯދުމަށާއި، މި ސަރުކާރުން ހުއްޓާލާފައިވާ ނ. މާފަރުގެ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނެ ދުވަހެއް ހޯދުމަށް އެރަށު ރައްޔިތުން ކުރަމުން ގެންދާ އިހުތިޖާޖަށް ސަރުކާރުން އިޖާބަނުދެނީސް މިއަހަރުގެ ކިޔެވުން 13 ޖެނުއަރީގައި ރަސްމީކޮށް ފެށުނަސް އެރަށުގައި ކިޔެވުން ނުފެށޭނޭކަމަށް އެރަށު ރައްޔިތުން ބުނެފިއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން އެރަށުގެ އަންހެނަކު ބުނީ ރަށުގެ ތަރައްޤީއަށާއި، ރަށު ބަންދުން ވީއްލުމަށް ރައްޔިތުންގެ ކުރަމުންދާ އިޙުތިޖާޖަށް ސަރުކާރުން އިޖާބައެއް ނުދެނީސް ސްކޫލްތައް ވެސް ހުޅުވިޔަނުދޭން އެރަށުގެ އަންހެނުން ނިންމާފައިވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް އެއް އަހަރު ވަންދެން ސްކޫލް ބަންދުކޮށްފައި ހުންނަން ޖެހުނަސް. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ކުދިންނަށް ތަޢުލީމު ދިނުމެއް ނޫން. އެކަށީގެން ސިއްހަތު ވެސް ލިބެންޖެހޭނެ. ނަޝީދު ވެރިކަމުގައި ޤާއިމްކޮށްދިން ފެރީ ނިޒާމު ވެސް މިހާރު ހުއްޓާލައިފި. ދަރި ބަލިވެގެން ޑޮކްޓަރަށް ދައްކަން އެބަދޭ ބެންކޮކަށް ދާ ޓިކެޓެއްގެ އަގު. ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީއަށް ބޭސް އެރަށުން ނުލިބިއްޖެޔާ އެ ޚަރަދު ޑަބަލް ވެގެންދޭ.’ މެދު އުމުރުގެ އަންހެނަކު ބުންޏެވެ.

އޭނާ ބުނީ ކުރިން އަތޮޅު ފެރީގެ ކުއްޖަކާއި ބޭސް ސިޓީ ހަވާލުކޮށްލުމުން، ސިޓީއަށް ބޭސް ނަގައިގެން ގެނެސްދޭ ކަމަށާއި، އެ ނިޒާމް ހުއްޓާލީ ރައްޔިތުންނަށް ދަތިކުރުމުގެގޮތުން ބަޢާވާތުގެ ސަރުކާރުން ރާވައިގެންކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެމްޑީޕީ ވެސް ސައިޓަށް މަޢުލޫމާތުދެއްވަމުން މާފަރު ކައުންސިލްގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ، ރައްޔިތުން އަހުތިޖާޖް ކުރަނީ ރައްޔިތުން ރަށު ބަންދުގައި އުޅެން ޖެހިފައި ވުމުންނާއި، ނަރުދަމާ އާއި ފެންޕްލާންޓްގެ މަސައްކަތް ފެށިފައި ނުވާތީއާ، ބަނދަރުގެ މަސައްކަތުގެ އިތުރުން އެއަރ ޕޯޓްގެ މަސައްކަތް ފެށޭނޭ ތާރީޚެއް ނޭގޭތީ އެކަންތައް ސާފުކުރުމަށް ކަމަށެވެ.

އަދި މިކަންތައް ހައްލު ކުރުމަށް ސަރުކާރުން އެއްބާރުލުން ނުދެއްވި ނަމަވެސް އެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ތޯރިޤްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.