ނޫސްބަޔާން: މިލަދުންމަޑުލު ދެކުނު ބުރީގެ ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން އިޖާބަނުދެއްވުމުގެ ބޭއިންޞާފު ކުށްވެރިކޮށް އެކަމުގައި އަވަސް ހައްލުތަކެއް ސަރުކާރުން ހާމަކުރެއްވުމަށް ގޮވާލުން

noosbayan

ނަންބަރު:MDP-2013-PR-01
ތާރީޚް: 05 ޖެނުއަރީ 2012 (ހޮނިހިރު)

ނ. މާފަރު ރައްޔިތުންނަށް ސަރުކާރުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކާއި ޚިދުމަތްތަކަށް ހުރަސް އެޅިފައިވާތީ އާއި، އެރަށުގައި ހަދަން ހަމަޖައްސާފައިވާ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްނުދާތީ މާފަރު ރައްޔިތުން އިހްތިޖާޖު ކުރަމުންދާތާ ހަފްތާއެއް ހަމަވާއިރު، މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހަންމަދު ވަހީދު ގެ ސަރުކާރުން އެކަންކަން ހައްލުކޮށްދެއްވުމަށް ރަސްމީ އެއްވެސް އިޖާބައެއް ނުވަތަ ފިޔަވަޅެއް ހާމަކުރައްވާފައި ނުވާތީ އެކަންކަން މި ޕާޓީން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ނ. މާފަރުގައި ޑޮމެސްޓިކް އެއަރޕޯޓަކާއި އެ ފަދަ ސްޓޭޝަނަކާ ގުޅުންހުރި ވަޞީލަތްތައް ތަރައްގީ ކުރެއްވުމަށް ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ނޫނު ހޮޓެލްސް އާއި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްގައްޔޫމުގެ ދައުރުގެ ފަހުކޮޅު ހަވާލުކުރައްވާފައިވަނީ ސަރުކާރަށް އެކުންފުނިން 7 މިލިއަން ޑޮލަރު އަދާކުރެއްވުމުންކަމުގައި ފާހަގަކުރެވެއެވެ. އެއަށްފަހު މެދުވެރިވި ހުރަސްތަކާއި އެހާބޮޑު އަދަދެއްގެ އެޑްވާންސެއް އަދާކުރައްވާން އެކުންފުންޏަށް މެދުވެރިވުމަކީ މަޝްރޫޢު އަށް ހުއްޓުންގެނުވި އަދި އިތުރު ފައިސާ ހޯއްދެވުމުގެ ފުރުޞަތުތައް ހަނިވެގެންދިޔަ ސަބަބުތައްކަމުގައި ފާހަގަވެއެވެ. މިކަންކަމުގެ ހައްލުތަކެއް ހޯއްދެވުމުގައި އެމްޑީޕީ އިންނާއި ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން މަސައްކަތްކުރައްވާފައިވާކަމާ، އެގޮތުން ބައެއް ހައްލު ހުށައެޅިފައި ވާއިރު، އެ ކަންކަމަށް މިހާރުގެ ސަރުކާރުން ބަދަލުތައް ގެންނެވުމުގެ ސަބަބުން މަޝްރޫޢު ހުއްޓިފައިވާކަން މިޕާޓީން ފާހަގަކުރަމެވެ.

ނ. މާފަރު އެއަރޕޯޓާއި އެކު އެ އަތޮޅުގައި ސިޓީ ހޮޓަލެއް އަދި ޔޮޓް މެރީނާއަކާއި އެހެންވެސް ވަޞީލަތްތައް ތަރައްގީކުރުމާއި، މާފަރުގެ ބަނދަރު ހެދުމާއި ކުނިނައްތާލުމުގެ ނިޒާމް ފަދަ އަސާސީ ޙިދްމަތްތައް ތަރައްގީކުރުމާއި، މާފަރުގެ އިތުރުން އެހެން ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތައް މި ސަރުކާރަށް ކުރިއަށް ނުގެދެވި ހުއްޓިފައިވާކަން މި ޕާޓީއިން ފާހަގަކުރަމެވެ.

މިރާއްޖޭގެ އެކި ރަށްރަށާއި އާބާދީ ތަކުގައި ސަރުކާރުން ރައްޔިތުންނާމެދު އިހުމާލުވެލައްވައި، ތަރައްގީގެ މަޝްރޫއު ތައް ހުއްޓުވައި، އިޖްތިމާއީ ރައްކާތެރިކަމާއި އެނޫންވެސް ބޭނުންތެރި އެތަކެއް ޕޮރޮގްރާމަށް ހުރަސްތައް މެދުވެރިކުރައްވަނީ، 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ކުރީކޮޅު ސިއްރިޔާތުގައްޔާއި ފާޅުގައި ހިންގަވާފައިވާ ގާނޫނާ ޚިލާފް އަދި ބާޣާވާތްތެރި ޢަމަލުތަކުގެ ޚަރަދުތައް ހަމަޖައްސަވާން ގައުމީ ބަޖެޓާއި ދައުލަތުގެ ޚަރަދުބަރަދު ގަޑުބަޑު ކޮށްލަންކަން ވެސް މިޕާޓީއަށް ފާހަގަކުރެވެއެވެ.

މި ބާވަތުގެ ޚުދުމުޚުތާރުކަން އިސްކުރައްވައި، ރައްޔިތުންނަށް އިޖާބަ ނުދެއްވައި، ރައްޔިތުން ގެ ވޯޓާއި ރުހުން ލިބިލައްވައިގެން އިންތިޚާބީ މަގާމްތައް ފުރުއްވާ ކައުންސިލަރުންނަށާ ކައުންސިލް ތަކަށް، އަދި ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި މެމްބަރުންނާ ހަތުރުވެރިގޮތުގައި ޖަދަލު ކުރައްވާ ކުރެއްވުމުން މިހާރުގެ ސަރުކާރަށް އަމާޒުވުން ގިނަވެފައިވާ ނުރުހުމާއި ގެއްލި ނެތިފައިވާ އިތުބާރު އިތުރަށް ހާމަވެގެންދެއެވެ.

ނ. މާފަރު ރައްޔިތުން ކުރަމުންދާ އިހްތިޖާޖްތަކާ ޝަކުވާތަކަށް އިޖާބަދެއްވުމުގައި އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުން އަދި ރައްޔިތުންގެ މަޖިލީހުގެ ނޫނު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޢިއްޒަތްތެރި މެމްބަރުން އެއްބާރުލައްވަމުން ގެންދަވާތީ، އެކަންކަން ފާހަގަކުރުމާއެކު، ނޫނު އަތޮޅު މާފަރު ރައްޔިތުންގެ ޝަކުވާތަކާމެދު ހައްލުތަކަކަށް ވާޞިލްވުމަށް މިޕާޓީން ކުރެވޭންހުރި ހުރިހާ މަސައްކަތެއް އިރާދަފުޅާއެކު ކުރިއަށް ގެންދާނެއެވެ. ނ. މާފަރު ރައްޔިތުން ފަށްޓައި ކުރިއަށްގެންދާ އިހުތިޖާޖްތައް ގުޅިފައިހުރީ މުޅި ނޫނު އަތޮޅުގެ ތަރައްގީއާއި، އަދި މުޅިރާއްޖޭގެ ތަރައްގީއާއި ވެސް ކަން މިޕާޓީން ފާހަގަކުރަމެވެ.

މިރާއްޖޭގެ އަތޮޅެއްގެ ރައްޔިތުންގެ ވިންދާ ގުޅިފައިވާ މި ޝަކުވާތަކަށް ވަގުތުން އިޖާބަދެއްވުމަށް މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހަންމަދު ވަހީދު ގެ ސަރުކާރަށް މިޕާޓީއިން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް