ނ. މާފަރުގައި އަޅަން ހަމަޖެހިފައިވާ އެއަރ ޕޯޓްގެ ޢަމަލީ މަސައްކަތް ފެށޭނޭ ތާރީޚެއް ހޯދުމަށާއި، މި ސަރުކާރުން ހުއްޓާލާފައިވާ ނ. މާފަރުގެ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނެ ދުވަހެއް ހޯދުމަށް އެރަށު ރައްޔިތުން ކުރަމުން ގެންދާ އިހުތިޖާޖަށް 5 ދުވަސްވެގެން ދިޔައިރުވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެރަށުގައި ހިނގާ އިހުތިޖާޖްއާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން ޝަރީފް ވިދާޅުވީ، މާފަރުގެ އިހުތިޖާޖަށް އެއްބާރުލުން ދިނުމަށް އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުން ވެސް އެއްބަސްވެފައިވާކަމަށެވެ.
“އަޅުގަނޑުމެން މި އިހުތިޖާޖް ކުރަނީ ހަމައެކަނި މާފަރުގެ ތަރައްޤީއާ ގުޅިފައިވާ ކަންކަމަށް އެކަންޏެއް ނޫން. އެއަރ ޕޯޓް އެޅީމަ މުޅި އަތޮޅަށްވެސް އޭގެ ފައިދާވާނެ. މިއަދު އަތޮޅު ކައުންސިލުން ހުރިހާ ކައުންސިލްތަކަކާއި އެކު ބޭއްވުނު ކޮންފަރެންސް ކޯލްގައި ނިންމީ އަތޮޅުގެ ހުރިހާ ރަށަކުން މިކަމުގައި މާފަރަށް އެއްބާރުލުން ދިނުމަށް. މީ ލިބުނު ކުރިއެރުމެއް.” ޝަރީފް ވިދާޅުވިއެވެ. މާފަރުގެ އިހުތިޖާޖަށް އެހީވުމުގެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިހާރު ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ހުރިހާ ރަށެއްގެ ރައްޔިތުން ސޮއިކުރުމަށް ކައުންސިލްތަކުން ނިންމާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ރައްޔިތުން އަހުތިޖާޖް ކުރަނީ ރައްޔިތުން ރަށު ބަންދުގައި އުޅެން ޖެހިފައި ވުމުންނާއި، ނަރުދަމާ އާއި ފެންޕްލާންޓްގެ މަސައްކަތް ފެށިފައި ނުވާތީއާ، ބަނދަރުގެ މަސައްކަތުގެ އިތުރުން އެއަރ ޕޯޓްގެ މަސައްކަތް ފެށޭނޭ ތާރީޚެއް ނޭގޭތީ އެކަންތައް ސާފުކުރުމަށް ކަމަށެވެ.
” ދަތުރު ފަތުރުގެ ނިޒާމަކުން އަޅުގަނޑުމެންގެ އަތޮޅު ގުޅިފައި އޮއްވާ މިހާރު އެ ޚިދުމަތެއް ނުލިބޭ. ކައިރި ރަށަކަށް ދާންވެސް ޖެހެނީ -/2000 ރުފިޔާ ޚަރަދުކޮށްފައި. ރައްޔިތުންނަށް އިޙްސާސްވަނީ ތިމަންނާމެން މި ތިބީ ޖަލެއްގައި ބަންދުކޮށްފައޭ މިހާރު. ނަރުދަމާ އާއި ފެންޕްލާންޓްގެ މަސައްކަތް އަދިވެސް ނުފެށޭ. ފެށޭނެ ދުވަހެއް ވެސް ނޭގޭ. ހަމަ އެގޮތަށް އޮތީ އެއަރ ޕޯޓްއާ ބަނދަރުގެ މަސައްކަތް ވެސް. ރަށުގެ އިޖްތިމާޢި ސަރަހައްދު ކުނިކަހާ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ކައުންސިލަށް ދޫނުކުރާތާ އެތައް މަހެއްވެއްޖެ. މި ހުންނަނީ ސަރުކާރުން ރައްޔިތުންތަކަކާ މެދު އިހުމާލުވެފައިވާ މިންވަރު ” ކަންބޮޑުވުމާއި އެކު ޝަރީފް ވިދާޅުވިއެވެ.
ޝަރިފް ވިދާޅުވީ މިކަންތައް ހައްލު ކުރުމަށް ސަރުކާރުން އެއްބާރުލުން ނުދެއްވި ނަމަވެސް އެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ތޯރިޤްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.