ދިވެހި ތާރީޚްގައި ރައްޔިތުން އެންމެ ބޮޑަށް ނިކަމެތިވެގެން ގޮސްފައިވާ އަހަރަކީ ހުސްވި 2012 ވަނަ އަހަރެވެ. ޤާނޫނު އަސާސީ އެއް އޮވެ ރައްޔިތުން އެޤާނޫން އަސާސީ ބަލައިގެން، އެމައްޗަށް ބަރޯސާވެ، އޭގެން މަންފާ ހޯދާ، ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރީ ވަރަށް ފޮނި އުއްމީދާއެކުއެވެ. އެބައިމީހުންގެ އުއްމީދުތަކަކީ ސަރުކާރުން އަނިޔާ ނުކުރުމެވެ. ޢަދުލް އިންސާފު ޤާއިމް ކުރާނެ ފަނޑިޔާރުގެއެއް އޮތުމެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭނެ ވެރިއަކާއި، ސަރުކާރެއް އޮތުމެވެ. މިކަންކަން ހަމަމަގުން ނެއްޓިދާނަމަ އެމީހުންގެ ބަސް ބުނާނެ މަޖިލީހެއް އޮތުމެވެ. ދިގު ޒަމާންތަކަކަށްފަހު ރާއްޖޭގެ ވެރިކަމަށް ބޮޑެތި ބަދަލުތަކެއް އައީ ވާދަވެރި ސިޔާސީ ފަރާތްތަކާއިއެކު ވޯޓު ފޮށިތަކަށް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލައިގެން އަޣުލަބިއްޔަތު ހޯދައިގެންނެވެ. މިއިންތިހާބުގާ މިޕާޓީން ބުނިބަސް ރައްޔިތުން އެހިއެވެ. އެބަސް ރައްޔިތުން އެހީ ރައްޔިތުންނަށް މިޕާޓީން އަނިޔާ ނުކުރާނެކަމަށް ބުނުމުންނެވެ. މިނިވަންކަމާއިއެކު ޚިޔާލު ފާޅުކުރާނެކަމާ އެބަޔަކަށް ބޮޑުވާކަމެއްގެ ޝުޢޫރު ފާޅުކުރުމަށް އެއްވެ އުޅެވޭނެކަމާއި، އެފަދަކަންކަމުގައި ރައްޔިތުންނަށް އަނިޔާނުކުރާނެ ވާހަކަ ބުނެ އެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދިނުމުންނެވެ.
އިންތިޚާބުގައި ރައްޔިތުން ގާތު މިޕާޓީން ބުނި އެތައް ބައިވަރު ވާހަކަތަކެއް މިޕާޓީއަށް ވެރިކަން ލިބުމާއިއެކު ހަޤީގަތަކަށް ހެދުމަށް މަސައްކަތް ކުރީމެވެ. ދަތުރުފަތުރުގެ ފަސޭހަކަމާއި، ގެދޮރުގެ ތަނަވަސް ކަމާއި، މަސްތުވާތަކެތިިން ދަރިން ސަލާމަތްކޮށްދިނުމާއި، ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމާ، ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހި ތާހިރު ދިރިއުޅުމެއް އުޅުމަށް ރައްޔިތުން އެދޭކަންކަން 2008 ނޮވެމްބަރ 11 އިން ފެށިގެން މިޕާޓީގެ ސަރުކާރުން ގެންދިޔައީ ކުރަމުންނެވެ. މިގޮތުން، ލިބޭމީހުންގެ އަތުން ދައުލަތަށް ނެގޭ އެއްޗެއް އެފަރާތްތަކަށް ގެއްލުން ނުވާނެ ހަމައިން އިތުރުކޮށް ދައުލަތް ހިންގުމުގައި ވިޔަފާރިވެރިންގެ ބައިވެރިވުން ފުޅާކޮށް، ވިޔަފާރިވެރިންނަށް އިތުރު ފުރުސަތު ހުޅުވާލަ ދެވުނެވެ. އާމްދަނީ އިތުރުވެ ދައުލަތަށް ލިބޭ އެއްޗަކުން ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރާން ފެށުނެވެ. ރައްޔިތުންގެ އެދުންތައް ފުދުން އަވަސްވާން ފެށިކަމުގެ ފެހި ސިގްނަލް އެބައިމީހުންނަށް ލިބެން ފެށިއެވެ.
އެމް.ޑީ.ޕީގެ ވެރިކަމަކީ ޑިމޮކްރެޓިކް ވެރިކަމަކަށް ވުމާއިއެކު ސިޔާސީ އިދިކޮޅު މީހުންގެ ދިމާކުރުންތައް ނުހަނު ފުޅާވަމުން ދިޔުމުގައި ސަރުކާރުގެ ވެރިންނާއި ޕާޓީ ފެންވަރުގައި އެކަމަށް ހުރަސްނާޅާ މިޕާޓީން ކެތްތެރިކަމާއ،ި ހިތްތިރިކަމާއިއެކު ސަރުކާރުގެ އެންމެހާ ކަންކަމުގާ ހަރަކާތްތެރިވީ ފަހަރެއްގައިވެސް 7 ފެބްރުއަރީގައި މިރާއްޖޭގެ ރައްޔިތުންނަށް ދިންފަދަ އަނިޔާއެއް ބަޔަކު ދީފާނެކަމަށް ކުޑަކޮށްވެސް ވިސްނައިގެނެއްނޫނެވެ. ކަންކަން ބަދަލުވަމުން ދިޔަ ސްޕީޑަށް ބަލާއިރު ފައިސާ ހުރެގެން ބައެއް މަހުޖަނުންނާއި ސިޔާސީ ވާދަވެރިންނާއި، ދައުލަތުގެ ކަންކަމުގެ ތެރެއަށްވަދެ ކަންކަމަށް ބާރު ފޯރުވީ އަދުލު އިންސާފުކުރާ ދާއިރާގެވެސް އިހުމާލުންނެވެ. މިނިވަން މުއައްސަސާތަކުގެވެސް އަޅާލުންކުޑަކަމުންނެވެ. ދިގު ޒަމާންތަކަކަށް ރާއްޖޭގެ ވެރިކަމުގައި ތިބި ފަރާތްތަކާއި އެފަރާތްތަކަށް ތާޢީދު ކުރާބަޔަކު ނައްތާލުމަކީ ނުވަތަ ސަރުކާރާ ދައުލަތުގެ މަޤާމްތަކުން ދުރުކުރުމަކީ މިޕާޓީގެ އުސޫލާއި މަގްސަދެއް ނޫނެވެ. މިޕާޓީން ދެކުނީ ސިޔާސީ ފިކުރު ތަފާތުވީ ކަމުގައިވިޔަސް އަނިޔާވެރިކަމާ ދުރުގައި ޤާނޫނީ އިމުގެތެރޭގައި މިދެންނެވިފަދަފަރާތްތައް އެބައިމީހުންގެ ޤާނޫނީ ވާޖިބު ޤައުމަށްޓަކައި އަދާކުރާނެކަމަށެވެ. ނަމަވެސް އާޚިރުގައި ކަންވެގެން މިދިޔައީ ހީކުރި ގޮތާއި ދިމާ އިދިކޮޅަށެވެ. ދިގު 30 އަހަރުގެ ބައެއް މަޤާމުތަކާއި ސަރުކާރުގައި އުޅުނު ބައެއް ފަރާތްތައްވެސް މިޕާޓިން ގެނައި ސަރުކާރުގެ އެކި ފެންވަރުގެ މަގާމް ތަކުގައި ތިބެގެންނާއި އަދި މިޕާޓީއަށް ނުލިބުނު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ފުރަމުން ގެންދިޔަ ފަރާތްތައް، އިނދިކޮޅު ފިކުރުގެ މީހުންގެ ވާގިވެރިކަމާއި އެކު އާޤާނޫނު އަސާސީގެ ދަށުން އުފެދުނު ގިނަ މުވައްސަސާތަކަށް ހޮވި އެފަދަ ފަރާތްތައްވެސް އަޅުގަނޑުމެންގެ ސަރުކާރާއި ފިކުރާއި އިދިކޮޅުވުމުގެ އިތުރުން އެސަރުކާރު ނައްތާލާ އަޅުގަނޑުމެން ފަނާ ކޮށްލުމުގެ ފިކުރުގައި ސިޔާސީ ވާދަވެރިންނާއި އެކު މަސައްކަތް ފެށީއެވެ. ރައްޔިތުންގެ ތާއީދު ކިތަންމެބޮޑަށް މިޕާޓީއަށް އޮތަސް، ތިމާމެންގެ އަމިއްލަ އުސޫލުތަކަށް ކަންކަން ކުރުމުގެ ފިކުރުއިސްކޮށް ޑިމޮކްރަސީ އާއި ބީރަށްޓެހި ހުދުމުހުތާރު އުސޫލުތައް އަށަގަންނަވަން އިނދިކޮޅު ފަރާތްތަކުން ކުރާންފެށި މަސައްކަތުގެ ނަތީޖާގައި ބައެއް މީޑިޔާތައް ހިސޯރުކޮށް އަނިޔާއާއި އަމިއްލައެދުމަށް ތާއީދުކުރާ ސިޔާސީ ވެރިންނާއި އެކު އަތުގުޅައިގެން ފެށި މަސައްކަތަކީ ރައްޔިތުންގެ ގިނަބަޔަކަށް ކަމުގެ ހަގީގަތް އޮޅުވާލި މަސައްކަތަކަށް ވެގެން ދިޔައެވެ. މި ޕާޓީއާއި މިޕާޓީގެ ފަރާތުން ގައުމަށް އިސްކުރު ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން ކުރަމުން ގެންދިޔަ ބުރަމަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ދައުލަތުގެ ސަލާމަތީ ބާރުތަކާއި ދައުލަތުގެ މުވައްސަސާތަކަށް އަޅުގަނޑުމެންދިން އިތުބާރުގެ ފެންވަރު ހާމަވެގެން ދިޔައީ 2012 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފާސްކުރެވުމާއި ހަމައިންނެވެ. 2012 ވަނަ އަހަރު ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭނޭ ކަންކަން އިދިކޮޅު ސިޔާސީ ވެރިންނަށް ޔަގީންވުމާއި ހަމައިންނެވެ.
މިޕާޓީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ފެށީންސުރު ހުދުމުހުތާރު އުސޫލުތަކަށް ތާއީދުކުރާ އަޅުގަނޑުމެންގެ ވާދަވެރިން އަބަދުވެސް ގޮވާ އެއް ގޮވެއްޔަކީ މިޕާޓީއަކީ ލާދީނީ ފިކުރުގެ ޕާޓީއެކެވެ. މީގެ ހަގީގަތަކީ، މި ރާއްޖޭގައި ދިގު 30 އަހަރު ވެރިކަން ކުރި މީހަކީ މިސުރުން ދީން ކިޔަވައިގެން އައި މީހެއްކަމަށް ދައުވާކޮށް، ދިވެހިން އިސްލާމް ދީނަށްއޮތް ލޯތްބާއި، އިހުތިރާމަށްޓަކައި، ދީނުގެ ތަންދޮރު އެގެން ބޭނުންވާ އެތައް ބަޔެއްގެ ސިކުނޑިތައް ، ދީނުގެ ދަންމަރު ރޯކުރުމުގެ ނަމުގައި، ވެރިންނަކީ ކަލާނގެއާއި އެއްފަދަ ބަޔެއްކަމަށް ދައްކާ، އަޅުވެތިކޮށްފައިވާ މިގައުމުގެ ރައްޔިތުންކުރެ މިނިވަންކަމަށްގޮވި އެތައްބަޔަކު އެއީ މާތް ﷲ ދެއްވި ވެރިކަމާއި ދެކޮޅު ބަޔެއްކަމަށާއި މުރުތައްދުވެފައިވާ މީހުންކަމަށް އާއްމުކޮށް އިއުލާން ކުރުމަށްފަހު ޖަލުތަކަށްލާ ނުހަނު ލާއިންސާނީ އަނިޔާތައްކޮށް އެތައްބަޔަކު މެރުމެވެ.
އެހެންވިޔަސް ހިތްވަރާއިއެކު މިޕާޓީގެ މީހުން ކުރިމަސައްކަތުން މިނިވަންކަމުގެ ހިތްވަރު ރައްޔިތުންނަށްދީ، މިނިވަންކަމުގެ ނަމުގައި ނިކުންނަ ކޮންމެ ބަޔަކަށް ދީނުގެ ނަމުގައި އަނިޔާ ކުރަނީ ޙައްގާއި އިންސާފުންނޫން ކަމަށް މިޕާޓީން ބުނެދިން ބަސް ރައްޔިތުން ގަބޫލުކޮށް ރައްޔިތުން މިޕާޓީއަށް ދިން ވެރިކަން އިދިކޮޅު އަނިޔާވެރިންގެ އަނިޔާވެރިކަމުން ހައްދުފަހަނައަޅާ ދިޔައީއެވެ. ކަންމިހެން ވުމާއި އެކު އެއުރެންދެން އަމާޒު ކުރީ ދަންނަ ބޭކަލުންގެ ތާޖު އަޅައިގެން ތިބި، ރަގަޅަށް އާޔަތްތައް ކިޔާ ހަދީޘްތައް ބުނެވޭ ވަރުގެ ބަޔަކު ލައްވާ މިކަން ކުރުމެވެ. މިގޮތުން 23 ޑިސެމްބަރު އިއްތިޙާދުގެ ނަމުގައި ޖަމާއަތެއް އުފައްދާ ދީނީ ބައެއްކަމަށް ދައުވާ ކުރާ ބަޔަކު ކުރިޔަށް ނެރެ ދިވެހި ސިފައިންނާއި ފުލުހުންނާއި އެހެންވެސް މީހުންނަށް ވިސްނާދިނީ މިޕާޓީއާ މިޕާޓީއަށް ތާއިދުކުރާ އެންމެންނަކީ މާތްވެގެންވާ އިސްލާމްދީން މިގައުމުން ފޮހެލަން އުޅޭ ބައެއްގެ ގޮތުގައެވެ. އަދި ޚާއްސަކޮށް ދިވެހި ސިފައިންނަށް އަމާޒުކޮށް ތަގުރީރުތައްދީ އެބައިމީހުންގެ ހިތްތަކުގައި ގާނޫނު އަސާސީއާ ގާނޫނުތަކުން އެމީހުން ހިމާޔަތް ކުރަން ލާޒިމްކޮށްފައިވާ ސަރުކާރުގެ ވެރިންނަށް ވުރެ ބޮޑަށް، މިގައުމު ޕޯޖުކީޒުންގެ އަތްދަށުން ސަލާމަތް ކުރިފަދަ ރޫހެއްގައި ގައުމަށްޓަކާ ދީނަށްޓަކާ ތެދުވަން ވެއްޖެކަން ސިފައިންނާއި ފުލުހުންގެ ހިތްތަކަށް ވައްދާދިނީއެވެ. މިކަން ފުޅާކޮށް ބޮޑުކުރަމުން ދިޔަވަރަކަށް ސަރުކާރަށް ބުރަބޮޑުވެ، އެންމެފަހުން އަނިޔާވެރި ބަޢާވާތް ފާޅުގައި ފެންމަތިވެ، ހުސްވި އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު މަޖުބޫރު ކުރުވައިގެން މިޕާޓީން ގައުމަށް ގެނެސްދިން ވެރިމީހާ އެމަގާމުން ދުރުކުރުވީއެވެ. ދިވެހި ތާރީޚަށް ބަލާއިރު ސަމްސުއްދީން ރަދުންގެ ވެރިކަމުގެ ހަޔާތަކީވެސް ގުޅަކުޅޭ ފަސްގަނޑުން ވެރިކަން ނިމިދާން ދިމާވެފައިވީ ތާރީޚެކެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަމީންދީދީގެ ވެރިކަމަކީވެސް އަނިޔާވެރިކަމާއެކު ސަލާމަތީ ބާރުތައް ފަހަތުގައި އޮވެ ސިޔާސީ ދެތިން އަނިޔާވެރިއަކު އިސްކޮށްތިބި ނިންމާލި ވެރިކަމެވެ. އެއަށްފަހު އިބްރާހިމް ނާސިރުގެ ވެރިކަމާ ދެކޮޅަށް ހަވަރު އެއްވި ކޮންމެ ފަހަރަކު އެކަމުގައި އެންމެ އިސްކޮށް އުޅޭބަޔަކު ދެނެގަނެ އިބްރާހިމް ނާސިރު އެބަޔަކު ޖަލުގައި ތޭރިތަކުގެ ފުރަގަހަށް ފޮނުވާލައެވެ. އަދި ކިތަންމެ ވަރަކަށް ބަނޑޭރިގޭން އާދޭސްކުރުމަށް ފަހުވެސް ބަނޑޭރިގެއަށްގޮސް އެތާގައި ތިބޭ ޖެނެރަލުންގެ އަތްދަށުވެފައި ނެތެވެ. މައުމޫނުގެ ވެރިކަމުގައި ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް އެތައްބަޔަކު ޖަލަށްލާ އެތައްބަޔަކު އަރުވާލައެވެ. އަދި ނަމެއްގަ ލާ ވޯޓަކުން އެ ވެރިކަން 99 ޕަސެންޓުން ކާމިޔާބު ކުރާކަން އިއުލާން ކުރެއެވެ.
ނަމަވެސް މިޕާޓީ ސިޔާސީ ގޮތުން ރަޖިސްޓްރީ ނުވިއެއްކަމަކު މިޕާޓީއަށް އަޅުގަނޑާއެކު މަސައްކަތްކުރި ބަޔަކާއެކު 9 ޖޫން 2004ގައި އޭރުގެ ރައީސް މައުމޫންގެ އަގައިން ބޭރުކޮށްލި ޖުލްމައަކާއެކު އަޅުގަނޑުމެން މިނިވަން ބަހުސްގެ ނަމުގައި ސިޔާސީ ވާހަކަ ދައްކަންފެށީމެވެ. އެކަން ފުޅާކޮށް ބޮޑުކުރަމުންގޮސް މައުމޫންގެ އެއަނިޔާވެރި ކަމުގެތެރޭން އަޅުގަނޑުމެންގެ ރޭވުމާއެކު ޖުމްހުރީ މައިދާނަށް މިހާރުގެ ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވިއެވެ.
އެހިސާބުން މައުމޫނު ނިންމީ އޭނާ ވީތަނެއްގައި ފިލާއޮންނާށެވެ. ހަމަ އެހިނދު އޭނާގެ ސަރުކާރުގާ ވެރިކަމަށް ދަހިވެތިވެފައި ތިބި ހުރިހާ އިސް ވަޒީރުން ބަނޑޭރިގެއަށް ފޮނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޑިމޮކްރަސީގެ ޚިޔާލުގައި ސިފައިންގޭގައި އޭރުތިބި ބަޔަކަށް ސަރުކާރާދެކޮޅަށް ކުޑަވެސް ބަހެއް ނުބުނިތާގައި ވެރިކަމުގައި އާރާބާރު ދިފާއުކުރުމުގެ ނަމުގައި ޖުމްހޫރި މައިދާނުގައި ތިބި ރައްޔިތުން ތަޅާރޯނާކޮށް މާލެތެރެއަށް ފަހާދުވެ 500އަށްވުރެ ގިނަ މީހުން ޖަލުތަކަށް ލާ ހައްޔަރު ކުރީއެވެ. ގުޅަކުޅޭ ފަސްގަނޑުން މައުމޫނުގެ ވެރިކަން ވެއްޓޭކަށް ޖާގައެއް ނެތެވެ. ސިފައިން ބޭނުންވިޔަސް ނުވިޔަސް ހިތާދެކޮޅަށް ރައްޔިތުން ތަޅާ މެރީއެވެ.
ނަމަވެސް އޭގެ ހިތި އަނިޔާވެރިކަމާއެކު އެކަން ކުރިމީހުންނަށް ޒަހަރައްވެ 2008ވަނަ އަހަރު އެއްކަލަ މިޕާޓީގެ މީހުން ވެރިކަމަށް އެރީ ވޯޓުން ކާމިޔާބުކޮށްގެންނެވެ.
އޮގަސްޓް 12، 13ގައި އަޅުގަނޑުމެން ގުޅަކުޅޭ ފަސްގަނޑުން ބަލިވިޔަސް އަޅުގަނޑުމެންވެސް ސިޔާސީ މައިދާނުގާ ބޭނުން ކަންކަން ކުރީމެވެ. މައުމޫނުގެ ލާއިންސާނީ އަނިޔާވެރިކަމާ ހުދުމުހްތާރު އުސޫލުތަށް ދުނިޔެއަށް ހާމަ ކުރީމެވެ. ގާނޫނު އަސާސީއެއްގެ ހިޔާވަހިކަން ހޯދީމެވެ. ވެރިކަމުގެ ދައުރު ކަނޑައެޅީމެވެ. އެކަމަށް މުއްދަތެއްވެސް ދިނީމެވެ. 18 އަހަރުން މަތީގެ މީހުންނަށް ވޯޓްލުމުގެ ޙައްގު ހޯދައިދިނީމެވެ. ޚިޔާލު ފާޅުކުރުމާ އެއްވެއުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ހޯދާދިނީމެވެ. ދައުލަތުގެ ބާރުތައް ވަކިކޮށް ސަރުކާރާ ދައުލަތުގެ ޚިދުމަތްތެރީން ނުފޫޒުތަކުން ވަކިވެ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދާދިނީމެވެ. ގާނޫނު އަސާސީގެ 2 ވަނަ ބާބުގައި އެހެރީ ތިޔަ ރައްޔިތުންނަށްޓަކާ މިޕާޓީން ހޯދާދިން މިނިވަން ޙައްގުތަކެވެ.
އެންމެ ފަހުން މައުމޫނު އެއްމެ ފައިވިއްދި ކަންތައް ކަމުގައިވާ ސިޔާސީ ޕާޓީވެސް ރާއްޖޭގައި އުފެއްދީމެވެ. އަދި އެތަށް ޒަމާނެއްވަންދެން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔަ ފަރާތްތަކުގެ ތެރެއިން މިގައުމުގެ އަނިޔާވެރިކަމާ ހުރެ އަމިއްލަޔަށް އަރުވާލެވިގެން ތިބި މީހުން ރާއްޖެއަށް ގެނައުމުގެ ދޮރު ހުޅުވާދީ އެމީހުން މިފަސްގަނޑަށް އައިސް އެންމެ އެކުވެ މައުމޫނުގެ އަނިޔާވެރި ވެރިކަން ބަދަލުކުރީމެވެ.
ނަމަވެސް 2012 ވަނަ އަހަރު ނިމި ދިޔައީ ކުރީންވެސް މިގައުމުގެ ތާރީހުގެ ސޮފްހާތަކުން ފެންނާން އޮތްފަދަ ހާދިޘާއެއްގެ ތެރޭގައި އޮވެއެވެ. އެއީ މިޕާޓީން އިނގިލީގެ ކުރީގައި ހިފައިގެން ނެރުނު ވެރިކަމަށް ދަހިވެތި ސިޔާސީ މީހެއްކާއި ހެދިއެވެ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނިޔާވެރިކަމާ، ވެރިކަމަށް ހުރި ދަހިވެތިކަމެއްގެ ސަބަބުން ދިވެހި ވެރިކަން ފޭރިގަނެ އެތައް ބަޔަކަށް ލާއިންސާނީ އަނިޔާދީ އެތައް ބައެއްގެ ލޭއޮހޮރުވާ އެތައް ފުރާނައެއް ދުނިޔެ ދޫކޮށް އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއް ކާންބޯން ކުރި މަސައްކަތްތައް ބަރުބާދުވެ، އަވައްޓެރި ޤައުމުތަކާއި ޖެހި އެތައް އެތައް ގެއްލުމެއް މިޤައުމަށް ދިނުމަށް ފަހު އެވެ.
މިފަދަ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ކެތްތެރިކަމާ އެކު ތިބި މިޕާޓީގެ އެންމެހާ މެމްބަރުންނެވެ. ކެތްތެރި ކަމާއި ސާބިތު ކަމާއިއެކު ތިއްބަވާށެވެ. މާތް ﷲ އިރާދަ ކުރެއްވިއްޔާ މިފެށޭ 2013 ވަނަ އަހަރަކީ އަޅުގަނޑުމެންގެ އަހަރު ކަމުގައި ހަދާނަމެވެ. މާތް ﷲގެ އިރާދަފުޅުން މިޕާޓީގެ މެމްބަރުން އިތުރު ކުރާނަމެވެ. މާތް ﷲގެ އިރާދަފުޅުން އަނެއްކާވެސް އިންތިޚާބުތަކުން ކާމިޔާބު ހޯދާނަމެވެ. ފޭރިގަތް ވެރިކަން މާތް ﷲގެ އިރާދަފުޅުން އަނބުރާ ހޯދާނަމެވެ. މާތް ﷲގެ އިރާދަފުޅުން އިންސާފުގެ ކުރިމައްޗަށް ބާޣީން ގެންނާނަމެވެ. ޕާޓީއަށްޓަކައި އަތުކުރި އޮޅާލައްވާށެވެ. ޤައުމަށްޓަކައި ފަހަތައް ޖެހިވަޑައި ނުގަންނަވާށެވެ. ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި ފަސްއެނބުރި ނުބަލާށެވެ. މާތްވެގެންވާ އިސްލާމް ދީނަށްޓަކައި މިއަނިޔާވެރިކަމުން ސަލާމަތްވުމުގެ އަޒުމް ކަނޑައަޅާށެވެ. އެމްޑީޕީއަކީ މީހެއްގެ ނުވަތަ މީހުންތަކެއް ނޫނެވެ. މިއީ ފިކުރެކެވެ. މިޕާޓީއާއި ދުރުގައި ތިބި އަޅުގަނޑުމެންގެ ޒަމާންވީ ބައިވެރިން އަދިވެސް އަންނާށެވެ. ތިޔަ ހުރިހާ ބޭފުޅުންނަށް މިޕާޓީ އަބަދުވެސް މަރުޙަބާ ކިޔާނަމެވެ. އަޅުގަނޑު މިޕާޓީގެ ޗެއާރޕާސަންއެއްގެ ގޮތުގައި ހުރެ މިޕާޓީ އޮޔާދާކަށް ޖާގައެއް ނުދެވޭނެއެވެ. ޕާޓީގައި އެމީހެއްގެ ޙައްޤު މަޤާމުގައި އެމީހަކަށް ހުރެވޭނެއެވެ. ކުރިމަތިން ނަގަމުން އަންނަ ސިޔާސީ ވިލާގަނޑުގައި ގަދަވަޔާއި ވިއްސާރަ އެބަހުއްޓެވެ. ޙަޤީޤަތަށް ތިލަކޮށް ބުނާނަމަ ކޮންމެ ގޮތަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ނަން ޕާޓީ ތެރެއިން އިއުލާން ވިޔަސް ރަސްމީ ކެންޑިޑޭޓްގެ ނަން އޮންނާނީ އެމީހެއްގެ ސަބަބުން އަހަރުމެންގެ މުޅި ޙަޔާތް ބަރުބާދުވެ ދިޔަ މީހާގެ ނަމެވެ. އޭނާއަށް ޙަޤީޤީ މާނާގައި ދެވަނަ ފަހަރަށް ވެރިކަން ލިބިގެން ސަލާމަތުން މިޤައުމުގައި އޮންނާނެ އިދިކޮޅު ފިކުރުގެ އެކަކުވެސް ނުހުންނާނެއެވެ. 2008 ގައި ގެއްލުނު ބައިގެ ބަދަލު ހިފުން އެއީ އޭނާގެ ފުރަތަމަ ވަޢުދެވެ. ޢަޒުމެވެ. މިޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ހިތްވަރެއް ދެރައެއް ނުވާނެއެވެ. އަޅުގަނޑު މެންނަކީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެކެވެ. މީ އެމްޑީޕީއެވެ.
ވަޠަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން މިޖާނުދޭން،
ވަޠަންގެ އާޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން!