ޗެއަރޕާސަން އާއަހަރުގެ ތަހުނިޔާ ދެންނެވުން

reeko-moosa

މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ޕާޓީގެ ނަމުގައާ އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަޙްނިޔާ އަރިސްކުރަމެވެ.

ރައްޔިތުންގެ ބުރަ މަސައްކަތުން 2008 ވަނަ އަހރު ރާއްޖޭގައި އެކުލަވާލި ރައްޔިތުންގެ ވެރިކަން، 7 ފެބްރުއަރީގައި ބަޢާވާތަކުން ވައްޓާލުމުގެ ސަބަބުން 2012ވަނަ އަހަރު ވެގެންގޮސްފައި ވަނީ، ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރަމުންދާ ދަތުރުގައި އެތަކެއް ހުރަސްތަކެއް ކުރިމަތިވެ، އިންސާނީ ހައްޤުތަކުގައި ރައްޖެ ހޯދަމުން ދިޔަ ކާމިޔާބީތަކުގައި އެތައް ދަރަޖައެއް ފަހަތައް ޖެހި، ރާއްޖެ އިޤްތިސާދީގޮތުން އަރައި ނުގަނެވޭނޭ ފަދަ ބޮޑު އަނދަވަޅަކަށް ވެއްޓި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އިޖްތިމާޢީ ފޭރާން ހަލާކުވެ، ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބިފައިވާ ރީތިނަމާއި، ޤަދަރު ވަރަށް ބޮޑަށް ކިލަނބުވެފައިވާ އަހަރެކެވެ. މި އުނދަގޫ ދަތި ޙާލުގައި ވެސް މި ޕާޓީގެ އެންމެހާ މެމްބަރުންނާއި، ޑިމޮކްރެސީއަށް ތާޢީދުކުރައްވާ އެންމެހާ ރައްޔިތުން ދެއްކެވި ސާބިތުކަމަށްޓަކައި އިޚްލާސްތެރިކަމާއިއެކު މިޕާޓީން ޝުކުރު އަދާކުރަމެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ 2013 އަހަރަކީ އެމްޑީޕީން ނުހަނު ގިނަ ކާމިޔާބީ ޙާސިލްކޮށް، ދިވެހި ރައްޔިތުންނަކީ ފުދުންތެރި ރައްޔިތަކަށް ހެދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް އިތުރު ކާމިޔާބީ ލިބިގެންދާނޭ އަހަރަކަށް ވުމެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާ ފަހި، މާ ފާގަތި މާދަމާ އެއް ދެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވަމެވެ.