އާއަހަރު ގެ މުނާޞަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން
ލޮބުވެތި ދިވެހި އެންމެ ރައްޔިތުންނަށް ވަރަށް އުފާވެރި އާއަހަރަކަށް އަޅުގަނޑު އެދެން. 2013 އަކީ އުންމީދުތަކާއި ވައުދުތަކުގެ އިތުބާރާއި ކާމިޔާބީ ތަކުން ފުރިގެންވާ އަހަރެއްކަމުގައި ދިވެހި ރައްޔިތުންނަށް ލައްވަވާށި.
2012 އެއީ އުނދަގޫ ތަކެއްގެ އަހަރެއް ނޫންކަމުގައި ބެލެވޭކަށް ނެތް. އެބައިމީހުންގެ ހަނި ސިޔާސީ މަގްޞަދުތައް ކުރިއަށް ނެރެގެންތިބި ބަޔަކު، މި ލޮބުވެތި ގައުމާމެދު އެންމެބޮޑު ޚިޔާނާތް ހިންގައިގެން، މިދިޔަ ފެބްރުއަރީ މަހު އެވަނީ ސިއްރިޔާތުގެ ރޭވުމަކުން އަޅުގަނޑުމެންގެ ޅަފަތުގެ ޑިމޮކްރަސީ ނަގާލާފަ. އެކަމާ ވިދިގެން އަޅުގަނޑުމެނަށް ދެން ފެންނާންފެށީ، ފުލުހުންގެ އަނިޔާވެރިކަމާއި މާރާމާރި އާއި ބިރުގެންނެވުންތައް ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންދާތަން. އަޅުގަނޑުމެނަށް ދެން ފެންނާންފެށި އަނިޔާވެރި ޖަރީމާތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރެއްކަމުގައި ހުންނެވި އަދި އިސްލާމްދީނުގެ ޢިލްމްވެރިޔެއް ކަމުގައިވާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ނޫސްވެރިއަކަށާއި އަދި ކުޑަކުދީންވެސް ހިމެނިގެން އާންމު އެތައްބަޔަކަށް ދެވުނު ފުރާނައަށް ގެއްލުންވާފަދަ ހަމަލާތައް ހިމެނޭ. ޑިމޮކްރެސީގެ ހަރަކާތްތެރިންނަށް އަބަދުމެ ބިރުދައްކައިގެން ޖެހިލުން ކުރުވޭތޯ މަސައްކަތްކުރެވޭ އިރު، ނާޖާއިޒު ސިޔާސީ މަގްޞަދުތަކުގައި ކުރެވޭ ޝަރުއީ ދަޢުވާގެ އިންޒާރުތައް ދެވެމުން އެދަނީ، ޑިމޮކްރެޓިކް ނޫން ވެރިކަމަކާ ދެކޮޅަށް އިޙްތިޖާޖު ކޮށްގެން. އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހުރަސްތައް މެދުވެރިކޮށް އުމްރާނީ އެތައް މަޝްރޫއު އެވަނީ ހުއްޓާލާފަ. މިނިވަން މުއައްސަސާ ތަކުގެ ފެއިލްވުންތައް މެދުނުކެނޑި ކުރިއަށް ދިޔައިރު، އިތުރު ހިތާމައަކަށްވެގެންދިޔައީ، ދިވެހި ރައްޔިތުންނާއި އެކުގާވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުވެސް 2012 ވަނަ އަހަރު ނުކުޅެދިފައިވާތީ. ކުރުކޮށްލާފަ ދަންނަވާނަމަ، އެއީ “މޮޅިވެރި އަހަރެއް”.
ދުނިޔޭގެ ނޫސްތަކަށް ދިވެހިރާއްޖެ ފާއިތުވީ އަހަރު އަރާންފެށީ މުޅީންހެން އަރާންނުޖެހޭ ސަބަބު ތަކަށްޓަކައި. މޫސުމަށް އަންނަމުންދާ އާދަޔާއިޚިލާފު ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ އިސް ދައުރެއް އަދާކުރުމުގައި އަދި ވިދަމުން ދިޔަ ކާމިޔާބު މުސްލިމް ޑިމޮކްރަސީ އެއްގެގޮތުގައި އިހަށްދުވަހު އަޅުގަނޑުމެންގެ ލޮބުވެތި މި ގައުމު ދެކެވުނަސް، މިހާރަކު ނުދެކެވޭ. އެއާއި ޚިލާފަށް މީޑިއާތަކުގައި ގިނަވާންފެށީ، އިންސާނީ ޙައްގުތަކާމެދު ވަމުންދާ އިހުމާލުތަކާއި، ބަޣާވާތާއި، ދިވެހިރާއްޖޭގައި ސީދާ އިންވެސްޓްކުރި ބޭރުގެ އެންމެ ބޮޑު ބައިވެރިޔާ ގަދަކަމުން ބޭރުކޮށްލި އަދި އެހެންވެސް އުނިކަން ގެނުވާން ފެށި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ނިންމުންތައް. މިދިޔަ އަހަރު ނިމުނުއިރު، އަޅުގަނޑުމެންގެ ލޮބުވެތި މިގައުމުގެ ހިތްފަސޭހަ ތަޞައްވުރަކީ، މިރާއްޖޭގެ ތާރީޚްގައި އަލަށް ފެށެވުނު ހިލޭ ބޭސްފަރުވާ ލިބެވޭ ނިޒާމްގެ އުފާވެރިކަން، އެންމެ އާދައިގެ ދިވެހީންމެ އަޅުގަނޑުމެންގެ ހޮސްޕިޓަލް ތަކުގައި ޙާޞިލްކުރަމުންދާތަން. އެހެންނަމަވެސް އަހަރު ނިމުނުއިރު ބާރުވެރި އަވަށްޓެރިޔަކާ ދެމެދު ސަރުކާރުން ހިންގި ދެކޮޅުވެރި ކުރިމަތިލުމަކާ އެކުގައިހެން، އެ މަންޒަރު ބަދަލުވެގެން ދިޔައީ އިންޑިޔާ ހައިކަމިޝަން ދޮށުގައި، މެޑިކަލް ވީސާއެއް ހޯދުމުގެ އުންމީދުގައި، ރެއާއި ދުވާލު ކިޔޫގައި ޖެހިގެން ބަޔަކު ތިބޭ ހިތްދަތި ތަޞްވީރަށް.
އަޅުގަނޑު އުންމީދުކުރަނީ 2013 އެއީ ދިވެހި ރައްޔިތުންނަށް އިހުނަށްވުރެ ރަނގަޅު އަހަރަކަށް ވާނެކަމަށް. ވޭތުވެގެން މިދިޔައަހަރުގެ ގޮންޖެހުންތަކާއެކުވެސް، އަޅުގަނޑުމެން ގަބޫލުކުރާ ކަންކަމާމެދު އިސްނަގައި ތެދުވުމުގެ ހިތްވަރާއި އެއްބައިވަންތަކަން އަޅުގަނޑުމެނަށްމިވަނީ އިރާދަފުޅާއެކު ބަދަހިކުރެވިފަ. ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން، ކެތްތެރިކަމާއެކު އެކުވެރިވެ ދެމިތިބުމުގެ މާތްސިފަ އަޅުގަނޑަށް މިފަހުންވެސް މި ގައުމުގެ އެކި ކަންކޮޅުން ހާމަވެފައިވާތީ، އަޅުގަނޑުގެ ހިތްވަރު އާލާވެގެންދޭ. ޑިމޮކްރަސީގެ ފޮނިމީރުކަން ދިވެހީން އިހުޞާޞްކުރާން ފެށީ 2008 ވަނަ އަހަރު. މިހާތަނުންވެސް، ބިރު ފަހަނައަޅައި އަޅުގަނޑުމެނަށް ކުރި ހޯދިއްޖެކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު އުންމީދުކުރަނީ ހުރިހާ ފަރާތަކުންވެސް ވާދަކުރެވޭނެ ތެދުވެރި، މިނިވަން އަދި އިންޞާފުވެރި ރިޔާސީ އިންތިޚާބެއް މިއަހަރު ފެނިގެންދާނެކަމުގައި. 2012 ވެގެން އެދިޔައީ ތިޔަ ލޮބުވެތި ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތައް ބަޔަކު ފޭރެމުން ގެންދިޔަ އަހަރަކަށް. މި ފެށޭ އާއަހަރުގައި އެ ހައްގުތައް އިއާދަކުރެވޭނެ ކަމަށާއި އަދި އަޅުގަނޑުމެންގެ ލޮބުވެތި މި ގައުމު އިރާދަފުޅާއިއެކު އަލުން ވިދާން ފަށާނެ ކަމުގައި އަޅުގަނޑު އުންމީދުކުރަން.
والحمد للّـه، والسّـلام عليـكم .