ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަ ދަތުރުފުޅެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.
އެމަނިކުފާނުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ އެކަމާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ރާއްޖޭއިން ބޭރަށް ފުރައިވަޑައިގަތުމަށް އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއަރޕޯޓްއަށް ވަޑައިގަތުމުން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އެމަނިކުފާނަށް ފުރަވަޑައި ނުގަނެވޭނޭކަމަށް އަންގާ، އެކަން ޤާނޫން އަސާސީއާ ޚިލާފަށް ވަނީ ހުއްޓުވާފައެވެ.
އިމިގްރޭޝަނުން މިގޮތަށް ޢަމަލުކޮށްފައިވާ އިރު 2012 ޑިސެމްބަރު 18 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC/2012/26 ސިޓީއިން، ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރަވަޑައިގަތުމާމެދު އެކޯޓުގެ އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް ޙުސައިން މަޒީދު ސޮއިކުރައްވާ، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ލިޔުމުން ވަނީ ދެއްވާފައިވެއެވެ. އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު HMC/181/2012/03 ކޯޓު އަމުރުން 2012 ޑިސެމްބަރ 18 ވަނަ ދުވަހު އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައި ވަނީ، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނެވެން ޖެހޭނޭ ކަމަށެވެ.