ދާއިރާއަށް ތަރައްޤީ ގެނެވޭނީ އެމްޑީޕީގެ ފިކުރާއި ވިސްނުން ބޭނުންކޮށްގެން: ނާފިޢު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ގދ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ނިންމެވީ، އެ ދާއިރާގެ ރައްޔިތުންނަށާއި، ދާއިރާއަށް ތަރައްޤީ ކުރެވެނީ އެމްޑީޕީގެ ވިސްނުމާއި ފިކުރު ބޭނުންކޮށްގެން ކަމުގައިވާތީ ކަމަށް އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާ އަޙްމަދު ނާފިޢު ވިދާޅުވެއްޖެއެވެ.

ނާފިޢު ވިދާޅުވީ، މި ދާއިރާގައި ތަރައްޤީއަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ގައްދޫ ދާއިރާގައި ހިމެނޭ ގދ. ވާދޫއާ ގައްދޫ ކަމަށާއި، މި ގޮނޑިއަށް ކުރިމަތި ލެއްވީ، އެ ދާއިރާއަށް ތަރައްޤީއާ ފާގަތިކަން ގެނެސްދެއްވުމަށް ޢަޒުމްކަނޑައަޅައިގެން ކަމަށެވެ.

ދާއިރާގެ މެމްބަރުންނަށް ނާފިޢު ތަޢާރަފްކށް ދެއްވަމުން ގައްދޫ ދާއިރާގެ ރައީސް އަހްމަދު ޒާހިދު ވިދާޅުވީ، ނާފިޢު އަކީ ދާއިރާ ތަރައްޤީ ކުރުމަށް ވަރަށް ވުރަކޮށް ސައުތް ޔުޓިލިޓީގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެއް ކަމަށެވެ.