ނަންބަރު: 141 MDP-2012-PR-
ތާރީޚް: 21 ޑިސެމްބަރ 2012 (ހުކުރު)
ރައީސް ނަޝީދަށް ރާއްޖެއިން ބޭރަށް ފުރާވަޑައިނުގަނެވޭގޮތަށް ޤާނޫނާއި ޚިލާފަށް އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސް ބަޔާން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި ދިވެހިރާއްޖޭގެ އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، އެމަނިކުފާނުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ އެކަމާއި ގުޅިގެން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖޭއިން ބޭރަށް ފުރައިވަޑައިގަތުމަށް އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއަރޕޯޓްއަށް ވަޑައިގަތުމުން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އެމަނިކުފާނަށް ފުރަވަޑައި ނުގަނެވޭނޭކަމަށް އަންގާ، އެކަން ޤާނޫން އަސާސީއާ ޚިލާފަށް ހުއްޓުވާފައި ވާތީ، މިޢަމަލު އެމްޑީޕީން އެންމެ ހަރުއަޑުން ކުށްވެރި ކުރަމެވެ.
އިމިގްރޭޝަނުން މިގޮތަށް ޢަމަލުކޮށްފައިވާ އިރު 2012 ޑިސެމްބަރު 18 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC/2012/26 ސިޓީއިން، ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރަވަޑައިގަތުމާމެދު އެކޯޓުގެ އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް ޙުސައިން މަޒީދު ސޮއިކުރައްވާ، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ލިޔުމުން ވަނީ ދެއްވާފައިވެއެވެ. އަދި ހަމައެއާއި އެކު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު HMC/181/2012/03 ކޯޓު އަމުރުން 2012 ޑިސެމްބަރ 18 ވަނަ ދުވަހު އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައި ވަނީ، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނެވެން ޖެހޭނޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 128 ވަނަ މާއްދާއިން ދަޢުލަތުގެ މައްޗަށް ލާޒިމްކޮށްފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ކޮންމެ ބޭފުޅަކަށް ޢިއްޒަތާއި ޤަދަރާއި، ރައްކާތެރިކަމާއި އިނާޔަތްތަށް ދޭންޖެހޭނޭ ކަމަށެވެ. އަދި ޤާނޫން އަސާސީގެ 41ވަނަ މާއްދާގެ (ހ)ގައި ވަނީ ރާއްޖެއިން ފުރައިންގެން ދިއުމާއި ރާއްޖެއަށް އެނބުރި އައުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. ކަންމިހެން އޮތްއިރުވެސް އިމިގްރޭޝަން ޑިޕާޓްމަންޓުން ނުވަތަ ޑރ. ވަހީދުގެ ބަޤާވަތުގެ ސަރުކާރުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމާއި، އަދި ކޯޓު އަމުރާވެސް ޚިލާފަށްކަން ރަނގަޅަށް އެނގެއެވެ. އަދި އިމިގްރޭޝަންގެ މި ޢަމަލުގެ ސަބަބުން ރައީސް ނަޝީދުގެ ޤާނޫނީ ހައްޤު ނިގުޅައިގަނެ، އަދި އޭގެ ސަބަބުން އިއާދަނުކުރެވޭނެ ފަދަ ގެއްލުން އެމަނިކުފާނަށް ކުރިމަތިވެފައިވެއެވެ.
ވީމާ މިފަދަ ޢައިރު ޤާނޫނީ ކަންކަން ވަގުތުން ހުއްޓާލުމަށާއި، މި ރާއްޖޭގެ ޤާނޫން އަސާސީއަށް ބޯލަނބެމަށް ބަޤާވަތުގެ ސަރުކާރަށް ގޮވާލައި އަދި މި ޢަމަލު ހިންގި ފަރާތްތަށް މަޤާމުން ވަގުތުން އިސްތިޢުފާދިނުމަށާއި އަދި އެފަރާތްތަކުގެ މައްޗަށް ޤާނޫނު ހިންގުމަށް މިނިވަން ކޮމިޝަންތަކަށާއި ކޯޓުތަކަށް މިޕާޓީން ގޮވާލަމެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް