ދިވެހިރާއްޖޭގެ ދާޙިލީ ރައްކާތެރިކަން ބަލަހައްޓައި، ދިވެހިރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދީ، އެމީހުންގެ ނަފްސްގެ ކަރާމާތާއި މުދަލުގެ ރައްކާތެރިކަން ޔަޤީންކޮށްދިނުމަކީ މިނިސްޓަރ އޮފް ހޮމް އެފެއާރޒުގެ އެންމެ އިސް ޒިންމާކަމުގައިވިހިނދު، މިޒިންމާ އަދާކުރުމަށް ނުކެޅެދިފައިވާތީ ހޯމް މިނިސްޓަރގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 17 މެމްބަރަކު ސޮއިކުރައްވާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާރޒު ދިރާއްޖޭގެ ދާޙިލީ ރައްކާތެރިކަން ބަލަހައްޓަން ނުކުޅެދުމުގެ ސަބަބުން މިއަހަރު މިހާތަނަށް ދިޔައިރު، 8 މީހުން ގަސްތުގައި މަރާލެވިފައިވާ ކަމަށާއި، މި އަދަދަކީ ފަހުގެ މާޒިގައި މިފަދަ މަރުގެ ހާދިސާތައް ހިނގާފައިވާ އެންމެ ގިނަ ޢަދަދުކަމަށާއި، ދާޚިލީ އަމަން ޤާއިމްކުރުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާރޒުގެ މަޤާމުގައި މިހާރު ހުންނެވި ޑރ މުހައްމަދު ޖަމީލް ނާގާބިލް ވެފައިވާ މިންވަރު ސާބިތުވެފައިވާ ކަމަށެވެ.
ސ.ހިތަދޫ ރަތްފުސްގެ އަބުދުﷲ ޤާސިމް އިބުރާހިމް މަރުވި ހާދިސާގައި ފުލުހުންގެ އިހުމާލްއޮތްކަން ލީކުވެފައިވާ ވިޑިއޯ ފުޓޭޖްތަކުން ފެންނަން އޮތް އިރުގައި މިކަންތައްތައް ފޮރުވަން އުޅެފައިވާތީ މިކަމުންވެސް ފުލުހުންގެ އަނިޔާތައް ފޮރުވުމަށް މަސައްކަތްކުރަމުންދާކަން ސާފުވެފައިވާކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެސް ތަފާތުކުރުމެއްނެތި އެންމެހާ ދިވެހިރައްޔިތުންނަށް ސިޔާސީ އަދި މަދަނީ ހައްޤުތައް ލިބިދިފައިވިހިނދު، އެހައްޤުތައް ބޭނުންކުރުމުން އެމީހުންގެ ސިޔާސީ ފިކުރަށް ބަލައި ތަފާތުކޮށް ބައެއް ފުލުހުން ގަސްތުގައި އެފަރާތްތަކަށް އަނިޔާދީ، އެއަނިޔާތައް އިންތިހާއަށް ގޮސްފައިވާއިރު، އަދި މިކަމުގެ ސާފުހެކި ފެންނަންހުރިއިރު، މިނިސްޓަރ އޮފް ހޯމް އެފެއާރޒު އެކަންކަން ހުއްޓުވައި އެއަނިޔާ ކުރާފަރާތްތައް ޖަވާބުދާރީކުރުވާ ޤާނޫނުގެ ކުރިމަށްޗަށް ގެނައުމަށް މަސައްކަތް ކުރައްވާފައި ނުވާކަމަށް ވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވެއެވެ.
ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލުގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަ