ނޫސްބަޔާން: ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުން ނެރެމުންގެންދާ ކޯޓުއަމުރުތަކާމެދު ކަންބޮޑުވުން ފާޅުކުރުން

MDP-2012-PR-ނަންބަރު: 139
ތާރީޚް: 13 ޑިސެމްބަރ 2012 (ބުރާސްފަތި)

މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގިނަ ކޯޓު އަމުރުތަކެއް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް ނެރެ، ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ގަދަކަމުން ވަދެގަނެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބާރު ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަނޑުވާލަމުންގެންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

މިގޮތުން މިދެންނެވި އެންމެ އަންޑިމޮކްރެޓިކް އިންސްޓިޓޫޝަނުން އެންމެ ޑިމޮކްރެޓިކް އިންސްޓިޓޫޝަންގެ މައްޗަށް ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް އެންމެ ފަހުން ނެރުނު 2 ކޯޓު އަމުރަކީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ނެރުނު ކޯޓު އަމުރާއި އަދި މަޖިލީހުގައި ނަގާ ވޯޓު ސިއްރުކުރުމަށް މަޖިލީހުން ފާސްކުރި ކުރުމާގުޅިގެން ނެރުނު ކޯޓު އަމުރެވެ.

މިކަމަކީ 3 ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން ސާފުކޮށް ލިބިދީފައިވާ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޤާނޫނީ ބާރަށާއި، ޤާނޫނޫ އަސާސީއާ އެއްގޮތްވާގޮތުގެމަތިން އިތުބާރު ނެތްކަމުގެ ވޯޓް ނަގާނޭގޮތް ކަނޑައެޅުމަށް ލިބިދީފައިވާ ޤާނޫނީ ބާރަށް ސުޕްރީމް ކޯޓުން އަރައިގަތުންކަމަށް މި ޕާޓީން ދެކެމެވެ.

ރައްޔިތުންގެ މަޖިލީހުން މީހަކަށް އިތުބާރު އޮތްކަމަށް ވޯޓުދީގެން މަޤާމަށް އެމީހަކު އައްޔަނުކުރާފަދައިން އެމީހެއްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ފެނިއްޖެ ހިނދެއްގައި އިތުބާރު ނެތްކަމުގެ ވޯޓުދީގެން އެމީހަކު މަޤާމުން ވަކިކުރުމަކީ ވެސް ޤާނޫނު އަސާސީގައި އެންމެ ސާފުކޮށް މަޖިލީހަށް ލިބިދީފައިވާ ޤާނޫނީ ބާރެކެވެ. އިތުބާރު ނެތްކަމަށް ފާސްކުރުމުގައި އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާން ނުޖެހޭއިރު އެކަމަށް ދައްކަންޖެހޭ ހުއްޖަތެއް އަދި ސަބަބެއް އޮތުން ވެސް ލާޒިމުވެގެންނުވެއެވެ. އެހެނީ އެމީހަކު މަޤާމުން ވަކިކުރުމަށް މަޖިލީހުން ނިންމާ ނިންމުމަކީ ޖިނާއި އަދަބެއް ނޫނެވެ. އަދި އެމީހަކުގެ މަޤާމުން ވަކިކުރުމަށް ހަމައެކަނި ބޭނުންވާ ޤާނޫނީ މިންވަރަކީ އިތުބާރު ނެތްކަމަށް މަޖިލީހުގެ ވޯޓަކުން ފާސްވުމެވެ.

ޤާނޫނު އަސާސީގެ 187 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރަނީ ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް ފެނިއްޖެ ހިނދެއްގައި އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެމްބަރަކު ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުން އެމެމްބަރަކު އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިވާނެކަމަށެވެ. އަދި ހަމައެހެންމެ ޤާނޫނު އަސާސީގެ 88 ވަނަމާއްދާގެ (ށ) ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ނިންމި މިބާވަތުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނޭކަމަށެވެ.

މިކަން މިހެން އޮތްއިރު، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ބާރުގެ ތެރެއަށް ޤާނޫނު އަސާސީއާ ޚިލާފަށް ނަހަމަގޮތުގައި ވަދެގަނެ މަޖިލީހުގެ ބާރާއި ރައްޔިތުންގެ ބާރުކަނޑުވާލައި އަދި ރައްޔިތުންގެ ކުރިމަތީގައި އަދުލު އިންސާފުގެ ދާއިރާއާމެދު އިތުރަށް އިތުބާރުގެއްލޭގޮތަށް ސުޕްރީމް ކޯޓުން އަމަލުކުރަމުން ގެންދާ ގެންދިއުން ހުއްޓާލުމަށް ގޮވާލާ ހިނދު، ރައްޔިތުންގެ މަޖިލީހާއި އެންމެހާ ރައްޔިތުން މިކަމުގައި ސަމާލުވުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް