ބޮޑުތިލަދުންމައްޗަށް ކުރި ވަޢުދުގެ ދަތުރު ނިންމާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ފެށި ބޮޑުތިލަދުންމަތީ ވަޢުދުގެ ދަތުރު ނިންމާލުމަށް ފަހު ދަތުރުގެ ބައިވެރިން ރޭ މާލެ އަތުވެއްޖެއެވެ.

ހުސްވި މަހުގެ 21 ވަނަ ދުވަހު ފެށި ވަޢުދުގެ ދަތުރަކީ އެމްޑީޕީން ވި ވަޢުދާއި، ޙާސިލްކުރެވުނު މިންވަރު ދެނެގަތުމަށާއި، އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރި ދަތުރެކެވެ. ހދ، ހއ އަދި ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް މި ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު އާއި ޕާޓީގެ ލީޑަރ ޝިޕާއި، ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި އަދި ޢާންމު މެމްބަރުން ވަނީ ޒިޔާރަތްކޮށްފައެވެ.

އެމްޑީޕީން އުތުރަށް ކުރި ވައުދުގެ ދަތުރު ނިންމާލާފައިވަނީ ރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ޖަލްސާއަކަށްފަހުއެވެ. ދަތުރު ނިންމާލުމަށް ފަހު މާލެ ވަޑައިގެންނެވި ފަރާތްތަކަށް މަރްޙަބާ ދެންނެވުމަށް އެމްޑީޕީއަށް ތާޢީދު ކުރާ ގިނަ ބަޔަކު ވަނީ ޓީ ޖެޓީ ސަރަޙައްދަށް އެއްވެފައެވެ.